ކޮލެޖް ޔުނިވާސިޓީގައި ތަޢުލީމު ހާސިލްކުރަމުންދާ ދަރިވަރުންނަށް ކިޔެވުމުގެ އިތުރުން ކުޅިވަރުގެ ދާއިރާއިން ކުރިއަށް ދިއުމުގެ ފުރުސަތު ހޯދައިދިނުމަށް ސަރުކާރުން ކުރިއަށް އޮތްތަނުގައި މަސައްކަތްކުރާނެ - މިނިސްޓަރ އިރުތިޝާމް އާދަމް

04 އޯގަސްޓް 2018 - 23:08

ދިރާގު އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ 2018 ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ އެކި ދާއިރާތަކުން ތަޢުލީމު ހާސިލްކުރަމުންދާ ދަރިވަރުންނަށްވެސް ކުޅިވަރުގެ ދާއިރާއިން ތަޢުލީމާއި ތަމްރީން ހޯދައިދިނުމަށް ސަރުކާރުން ކުރިއަށް އޮތްތަނުގައި މަސައްކަތްކުރާނެ ކަމަށެވެ. މިނިސްޓަރ ވަނީ މަތީ ތަޢުލީމު ހާސިލް ކުރަމުން އަންނަ ކުދިން ކުރާ މަސައްކަތަށް ވަރަށް ބޮޑަށް ހިއްވަރު ދެއްވާފަ އެވެ. ދަރިވަރުންނަށް ކުރިމަތިވަމުންދާ ދަތިތަކަށް ޙައްލު ހޯދައިދެއްވާނެކަމަށާއި، އެގޮތުން ކުރިއަށް އޮތްތަނުގައި ކޮލެޖް ޔުނިވަރސިޓީ ތަކުގެ މެދުގައި ފުޓްސަލް މުބާރާތުގެ އިތުރުން ފުޓުބޯޅަ މުބާރާތްތައްވެސް ބޭއްވުމަށް މަސައްކަތްކުރައްވާނެ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވިއެވެ. މިނިސްޓަރ އިތުރުން މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބުދުﷲ ރިފާއުވެސް ވަނީ ޒުވާނުންނާއި މުޙާތަބް ކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ. މެމްބަރު ރިފާއު ވިދާޅުވީ، ފުޓްސަލްފަދަ މުބާރާތްތައް ފަރިތަކުރާނެ ދަނޑެއް ލިބުމުގެ ދަތިކަމަށް ހައްލެއް ގެނެސްދިނުމުގެ ބޭނުމުގައި ކޮލެޖް ޔުނިވަރސިޓީ ދަރިވަރުންނަށް ޙާއްސަ ފުޓްސަލް ދަނޑެއް ޔޫތު މިނިސްޓްރީގެ އެއްބާރުލުމާއި އެކު މާލެ ނުވަތަ ހުޅުމާލޭގައި ޤާއިމްކޮށްދޭނެ ކަމަށެވެ. އެކުވެނި ސްޕޯޓްސް ކޮމްޕްލެކްސްގެ ވެލި ދަނޑުގައި ފެށި މި މުބާރާތުގައި ޖުމްލަ އަށް މެޗް ވަނީ ކުޅެފައެވެ. އޭގެ ތެރޭގައި އަންހެން ޑިވިޝަންގެ ދެ މެޗާގައި އަދި ފިރިހެން ޑިވިޝަންގެ ހަ މެޗް ކުޅުނެވެ.