ދިވެހި އާރޓިސްޓުންގެ ޚިދްމަތްތައް ފުޅާކުރުމަށް ރައީސުލް ޖުމްހޫރިއްޔާ ކުރައްވަމުން އަންނަ މަސައްކަތްތައް އަންނަނީ ފުޅާ ވަމުން - މިނިސްޓަރ އިރުތިޝާމް އާދަމް

28 ޖޫން 2018 - 12:06

ދިވެހި އާރޓިސްޓުންގެ ޚިދްމަތްތައް ފުޅާކުރުމަށް ރައީސުލް ޖުމްހޫރިއްޔާ ކުރައްވަމުން އަންނަ މަސައްކަތްތައް ފުޅާ ވަމުން އަންނަ ކަމަށް މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވީ، ރޭ ނޭޝަނަލް އާރޓް ގެލެރީގައި ނޭޝަނަލް ސެންޓަރ ފޮރ ދި އާރޓްސްއިން ހުނަރުވެރި ދިވެހި ޒުވާނުން އުފެއްދުމުގެ މަޤްޞަދުގައި ކުރިއަށް ގެންދިޔަ "ސެޓްފިކެޓް 1 އިން އާރޓްސް އެންޑް ޑިޒައިން" ކޯހުގެ ފަސްވަނަ ބުރުގެ ނިންމުމުގެ ރަސްމިއްޔާތުގަ އެވެ. މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާ މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް އިރުތިޝާމް އާދަމް ވަނީ ކޯސް ފުރިހަމަ ކުރި ބައިވެރިންނަށް މަރުޚަބާ ދަންނަވައި، ވާހަކަފުޅު ދައްކަވާފަ އެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރގެ އިތުރުން ނޭޝަނަލް ސެންޓަރ ފޮރ ދި އާރޓްސް (އެންސީއޭ) ގެ އިސްވެރިންނާއި ޔޫތު މިނިސްޓްރީގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވެވި އެވެ. މިނިސްޓަރ ވަނީ ކޯހުގެ ބައިވެރިންނަށް ހިއްވަރުދެއްވާ، އެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ކުދިންނަށް ފުރުސަތުތައް މި ސަރުކާރުން ފަހިކޮށްދެމުން އަންނަ ކަންވެސް ފާހަގަ ކުރައްވާފަ އެވެ. މިނިސްޓަރ ވަނީ ބައިވެރިންގެ ކުރެހުންތައް ބައްލަވާ އެކުދިންނަށް ތައުރީފުވެސް ކުރައްވާފަ އެވެ. އެންސީއޭއިން ކުރިއަށް މިގެންދިޔަ ކޯސް ބައްޓަން ކޮށްފައިވާނީ ދުނިޔޭގެ ކޮންމެ ޔުނިވަރސިޓީ، ކޮލެޖަކަށް ވަޑައިގަތަސް ކްރިއޭޓިވް ފީލްޑްގައި އެންމެ ރަނގަޅަށް އެޅޭނެ އެކަޑެމިކް ފައުންޑޭޝަނާ އެއް ފެންވަރަށް ކަން އެންސީއޭއިން ވަނީ ފާހަގަކުރައްވާފައެވެ. ނިންމުމުގެ ރަސްމިއްޔާތުގެ ކުރިން، އެންސީއޭއިން ވަނީ ބައިވެރިންގެ ކުރެހުންތައް ދައްކާލުމަށް އާރޓް އެގްޒިބިޝަންއެއް ބާއްވައިފަ އެވެ. އެންސީއޭ އިން ކުރިއަށް މި ގެންދިޔަ އާރޓްސް އެންޑް ޑިޒައިން ކޯހަކީ މުޅިން ހިލޭ، ބައިވެރިވާން ބޭނުންވާ ހުރިހާ ކުދިންނަށް އެފުރުސަތު ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ކޯހެއްކަންވެސް ފާހަގަ ކޮށްލެވެ އެވެ.