އެންސީއޭ އިން ކުރިއަށް ގެންދިޔަ އާރޓްސް އެންޑް ޑިޒައިން ކޯހުގެ ބައިވެރިންގެ އާރޓް އެގްޒިބިޝަންއެއް ފަށައިފި!

26 ޖޫން 2018 - 14:06

ނޭޝަނަލް ސެންޓަރ ފޮރ ދި އާރޓްސްއިން ހުނަރުވެރި ދިވެހި ޒުވާނުން އުފެއްދުމުގެ މަޤްޞަދުގައި ކުރިއަށް ގެންދިޔަ "ސެޓްފިކެޓް 1 އިން އާރޓްސް އެންޑް ޑިޒައިން" ކޯހުގެ ފަސްވަނަ ބުރުގައި ބައިވެރިވި ކުދިންގެ ކުރެހުންތައް ދައްކާލުމަށް ނޭޝަނަލް އާރޓް ގެލެރީގައި އެގްޒިބިޝަން އެއް މިއަދު ހެނދުނު ފަށައިފި އެވެ. މިއަދު މިފެށުނު އާރޓް އެގްޒިމބިޝަންގެ ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ފޮރިން ސެކެޓްރީ އަހްމަދު ސަރީރެވެ. މި ރަސްމިއްޔާތުގައި ސަރީރުގެ އިތުރުން ނޭޝަނަލް ސެންޓަރ ފޮރ ދި އާރޓްސް (އެންސީއޭ) ގެ އިސްވެރިންނާއި ޔޫތު މިނިސްޓްރީގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވެވިއެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މި ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނު އަޙްމަދު ސަރީރު ވަނީ ކޯހުގެ ބައިވެރިންނަށް މަރުޚަބާ ދަންނަވައި، ވާހަކަފުޅު ދައްކަވާފައެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނޭޝަނަލް ސެންޓަރ ފޮރ ދި އާރޓްސް (އެންސީއޭ) ގެ ކޯޑިނޭޓަރ ޢަލީ އާމިރު ވިދާޅުވީ، މި ކޯހަކީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ އެދިވަޑައިގަތުމުގެ މަތިން، ރައީސްގެ ވަރަށް ބޮޑު އެއްބާރުލެއްވުމަކާއެކު މާލޭގައި ވަރަށް ފުރިހަމައަށް ބޭއްވޭ ކޯހެއް ކަމަށާއި މި ފަހަރު މި ކުރިއަށް ގެންދިޔަ ކޯހުގައިވެސް ބައިވެރިވި ހުރިހާ ކުދިން ސެޓްފިކެޓް ހާސިލްކޮށްފައިވަނީ ޑިސްޓިންކްޝަނާއި އެކު ކަމަށެވެ. މި ކޯސް ބައްޓަން ކޮށްފައިވާނީ ދުނިޔޭގެ ކޮންމެ ޔުނިވަރސިޓީ، ކޮލެޖަކަށް ވަޑައިގަތަސް ކްރިއޭޓިވް ފީލްޑްގައި އެންމެ ރަނގަޅަށް އެޅޭނެ އެކަޑެމިކް ފައުންޑޭޝަނާ އެއް ފެންވަރަށް ކަމަށްވެސް ކޯހުގެ ލެކްޗަރަރ އެންސީއޭ ގެ ކޯޑިނޭޓަރ ޢަލީ އާމިރު ވިދާޅުވިއެވެ. މިއަދު ހެނދު ފެށުނު މި އެގްޒިބިޝަން މިރޭގެ ނިޔަލަށް ކުރިއަށް ދާނެ އެވެ. އަދި މާދަންވެސް ހެނދުނުން ފެށިގެން ހަޔަކާ ހަމައަށް މިއެގްޒިބިޝަން ކުރިއަށް ގެންދާއިރު، ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކުރުމަށް ބާއްވާ ނިންމުމުގެ ރަސްމިއްޔާތު މާދަންރޭ 20:00 ގައި ފެށިގެން ދާނެއެވެ. މުޅިން ހިލޭ ހިންގާ މި ކޯހަކީ 2013 ވަނަ އަހަރުން ފެށިގެން އެންސީއޭގެ ފަރާތުން ރާއްޖޭގެ އަތޮޅުތަކުގައި ހިންގަމުން އައި ކޯހެކެވެ. އެގޮތުން ހދ.ކުޅުދުއްފުށި، ރ.މީދޫ، ށ.މިލަންދޫ އަދި ލ.ފޮނަދޫގައި ވެސް މި ކޯސް ހީންގާފައިވެއެވެ.