ޤުރުއާން ، މަދަހަ މުބާރާތެއް ތިމަރަފުށީ ގައި ބާއްވައިފި!

21 ޖޫން 2018 - 11:06

ބަރަކާތްތެރި ރަމަޟާން މަހުގެ މުނާސަބަތުގައި ތިމަރަފުށީ ޒުވާނުންގެ މަރުކަޒުން އިސްނަގައިގެން ތިމަރަފުށީ ކައުންސިލްއާއި ގުޅިގެން " ޔޫތު އަދި ކައުންސިލް ޤުރުއާން އަދި މަދަހަ އަދި ދީނީ ކުއިޒް މުބާރާތް 1439 " ނަމުގައި ކުރިއަށް ގެންދިޔަ މުބާރާތްތަކުގެ ނިމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. ޖުމްލަ 159 ބައިވެރިން 392 ހުށައެޅުމާއިއެކު ކުރިއަށް ގެންދިޔަ މުބާރާތްތަކުގެ ވަނަތަކަށް ދިޔަ ފަރާތްތަކަށް އިނާމް ދެއްވީ މުއައްސަސާތަކުގެ އިސް ބައެއް ވެރިންނާއި އަދި މިމުބާރާތްތަކަށް އެކި ގޮތް ގޮތުން އެހީތެރިކަން ފޯރުކޮށް ދެއްވާފައިވާ ފަރާތްތައް ކަމުގައި ތިމަރަފުށީ ޒުވާނުންގެ މަރުކަޒުން މަޢުލޫމާތު ދެއެވެ. 9 އުމުރުފުރާއަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ މިމުބާރާތްތަކުގެ ތެރެއިން ޤުރުއާން ބަލައިގެން ކިޔުމުގެ ގޮފިން 1 ވަނަ މަޤާމް ހާސިލުކޮށްފައިވަނީ 12 އަހަރުން ދަށުގެ އުމުރުފުރާގެ ބައިވެރިއެއްކަމަށްވާ ނައިސަމް އަހުމަދު ނިޝާމެވެ. މުޅި މުބާރާތުގެ މަދަހަ ކިޔުމުން 1 ވަނަ މަޤާމް ހާސިލުކޮށްފައިވަނީ 14 އަހަރުން ދަށުގެ އުމުރުފުރާގެ ބައިވެރިއެއް ކަމަށްވާ އަލްމާ އަލީ އެވެ. އަދި މުޅި މުބާރާތުގެ ޤުރުއާން ނުބަލައި ކިޔުމުގެ ގޮފިން 1 ވަނަ މަޤާމް ހާސިލުކޮށްފައިވަނީ 12 އަހަރުން ދަށުގެ އުމުރުފުރާގެ ބައިވެރިއެއް ކަމަށްވާ އިޢުފާއު އިބްރާހިމް ރަޝީދުއެވެ. މިމުބާރާތުގެ ނުބަލައި ކިޔުމުގެ ގޮފިން 1 ވަނަ މަޤާމްއަށް ވަނީ ތިމަރަފުށީގެ ހެޔޮއެދޭ ފަރާތަކުން އުމުރާ ދަތުރެއް ހުށައަޅާފައެވެ. މިމުބާރާތްތަކުގައި ރަށުގެ މުއައްސަސާތަކުންނާއި ، ރަށުގައި އަދި މާލޭގައި ދިރިއުޅުއްވާ ވިޔަފާރިވެރިންނާއި އަދި ރަށުގެ ދެޖިންސުގެ ޒުވާނުންގެ އިތުރުން ރަށުގެ ހެޔޮއެދޭ ވަރަށް ގިނަގުނަ ފަރާތްތަކެއްގެ އެހީތެރިކަމާއި އެއްބާރުލުން ލިބިފައިވާކަމަށް ތިމަރަފުށީ ޒުވާނުންގެ މަރުކަޒު ހިންގެވުމާއި ހަވާލްވެ ހުންނެވި އަހުމަދު ނާސިރު މަޢުލޫމާތު ދެއްވައެވެ.