ކުޅިވަރުގައި ޙަރަކާތްތެރިވާ ކްލަބު ޖަމިއްޔާތަކާއި ޤައުމީ ކުޅިވަރު ކުޅުންތެރިން އަމިއްލަ ފައިމައްޗަށް ތެދުވުމަށް ބޮޑު އެހީތެރިކަމެއް!

04 އޭޕްރިލް 2018 - 12:04

ކުޅިވަރުގައި ޙަރަކާތްތެރިވާ ކްލަބު ޖަމިއްޔާތައް އަމިއްލަ ފައިމައްޗަށް ތެދުވުމަށް ސަރުކާރުން ނުހަނު ބޮޑު އެހީތެރިކަމެއް ދެމުން އަންނަކަން ޔޫތު މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ހާމަވެގެން ގޮސްފިއެވެ.

ޔޫތު މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި 2015 ވަނަ އަހަރު ޤައުމީ ކުޅިވަރު ކުޅުންތެރިންގެ ގޮތުގައި ދަފްތަރުކުރެވިފައިވަނީ 207 ކުޅުންތެރިންނެވެ. މީގެ ތެރޭގައި އަންހެން އަދި ފިރިހެން ކުޅުންތެރިން ހިމެނޭއިރު މުސާރައިގެ ގޮތުގައި 7.2 މިލިޔަނަށްވުރެން ގިނަ ރުފިޔާ އެ ކުޅުންތެރިންނަށް ދީފައިވެއެވެ. އަދި 2016 ވަނަ އަހަރު ޤައުމީ ކުޅުންތެރިންގެ އަދަދު 231 އަށް އިތުރުވެ 8.4 މިލިޔަން ރުފިޔާ ޔޫތު މިނިސްޓްރީގެ ބަޖެޓުން ޚަރަދުކޮށްފައިވާއިރު، 2017 ވަނަ އަހަރު ނިމުނުއިރު މި އަދަދު 243 އަކަށް އިތުރުވެ 9.5 މިލިޔަނަށްވުރެން ގިނަރުފިޔާވަނީ ޚަރަދުވެފައެވެ.

ޤައުމީ ކުޅިވަރު އެސޯސިއޭޝަންތަކުގެ ޕްރޮގްރާމް ބަޖެޓާއި ބައިނަލް އަޤްވާމީ މުބާރާތްތަކަށް ދޫކުރެވޭ ފައިސާއަކީވެސް ޔޫތު މިނިސްޓްރީއިން ކޮންމެ އަހަރަކު ދޫކުރެވޭ ފައިސާއެވެ. އަދި ކްލަބް ތަކާއި ކުޅިވަރު ޖަމްޢިއްޔާތަކާއި ކައުންސިލްތަކަށް ދޫކުރެވޭ ފައިސާވެސް މީގެ ތެރޭގައި ހިމެނެއެވެ. އެގޮތުގެ މަތިން 2014 ވަނަ އަހަރު 15 ޤައުމީ ކުޅިވަރު އެސޯސިއޭޝަނަށް 21 މިލިޔަނަށްވުރެން ގިނަ ރުފިޔާ ޚަރަދުކުރެވިފައިވާއިރު، 674،325.72 ރުފިޔާ 33 ކައުންސިލަކަށް ވަނީ ދީފައެވެ. އަދި ޖުމްލަ 29 ކްލަބް ޖަމްޢިއްޔާއަކަށްވަނީ 7 ލައްކައަށްވުރެން ގިނަ ދިވެހި ރުފިޔާ ދެވިފައެވެ.

2015 ވަނަ އަހަރު 17 ޤައުމީ ކުޅިވަރު އެސޯސިއޭޝަނަށް 29 މިލިޔަނަށްވުރެން ގިނަ ރުފިޔާ ޚަރަދުކުރެވިފައިވާއިރު 56 ކައުންސިލްތަކަށް 1 މިލިޔަނަށްވުރެން ގިނަ ރުފިޔާ ޚަރަދުކޮށް 44 ކްލަބް ޖަމްޢިއްޔާއަކަށްވަނީ 4 ލައްކައަށްވުރެން ގިނަ ރުފިޔާ ޚަރަދުކުރެވިފައެވެ. މީގެ އިތުރުން އިންޑިއަން އޯޝަން އައިލެންޑްސް ގޭމްސް 2015 ގެ މެޑަލް ވިނާސްއަށް ސަރުކާރުގެ ފަރާތުން 22 މެޑަލްއަށް ދެއްވި އިނާމް ފައިސާގެ އަދަދު 695،000.00 އަށް އަރައެވެ. އަދި 2016 ވަނަ އަހަރު ޖުމްލަ 19 ޤައުމީ ކުޅިވަރު އެސޯސިއޭޝަނަށް 34 މިލިޔަނަށްވުރެން ގިނަ ރުފިޔާ ޚަރަދުކޮށް، 8 ލައްކައަށްވުރެން ގިނަ ދިވެހި ރުފިޔާ ކައުންސިލްތަކަށް ޚަރަދުކޮށް. 30 ކްލަބް ޖަމްޢިއްޔާއަކަށްވަނީ 1.4 މިލިޔަން ރުފިޔާ ޚަރަދުކޮށްފައެވެ.

2017 ވަނަ އަހަރު 19 ޤައުމީ ކުޅިވަރު އެސޯސިއޭޝަނަށް 44,129,705.61ރ (ސާޅީސް ހަތަރުމިލިޔަށް ބާރަލައްކަ ނުވަދިހަ ހަތްހާސް ރުފިޔާ ފަސްދޮޅަސް އެއްލާރި) ޚަރަދުކުރެވިފައިވެއެވެ. މީގެ އިތުރުން 2017 ވަނަ އަހަރުގެ ފެބްރުއަރީ އިން މެއި މަހުގެ ނިޔަލަށް ރާއްޖޭގައި ބޭއްވުނު އޭ.އެފް.ސީ ކަޕް 2017 ބޭއްވުމަށްޓަކައި 2،170،349.58ރ (ދެމިލިޔަން އެއްލައްކަ ހަތްދިހަހާސް ތިންސަތޭކަ ސާޅީސް ނުވަރުފިޔާ ފަންސާސްއަށްލާރި) ދޫކުރެވިފައިވެއެވެ.

2017ވަނަ އަހަރު 2ވަނަ ޑިވިޜަން ފުޓްބޯޅަ 8 ކްލަބަށް 165،600.00ރ ( އެއްލައްކަ ފަސްދޮޅަސް ފަސްހާސް ހަސަތޭކަ ރުފިޔާ) ދޫކުރެވިފައިވާއިރު ހަމަ އަހަރު 1ވަނަ ޑިވިޜަން ފުޓްބޯޅަ 8 ކްލަބަށް 1,980,000.00ރ (އެއްމިލިޔަން ނުވަލައްކަ އަށްޑިހަހާސް ރުފިޔާ) ދޫކުރެވިފައިވެއެވެ. އަދި 1ވަނަ ޑިވިޜަން 8 ކްލަބްގެ ކޯޗުންނާއި އެސިސްޓެންޓް ކޯޗުންނަށް 867،000.00ރ (އަށްލައްކް ފަސްދޮޅަސް ހަތްހާސް ރުފިޔާ) ވަނީ ޚަރަދުކުރެވިފައެވެ.

2017 ވަނަ އަހަރު އަތޮޅުތެރޭގެ 17 ފުޓްބޯޅަ ދަނޑެއް މަރާމާތުކޮށް ބެލެހެއްޓުމުގެ ގޮތުން780,613.90 ރ (ހަލައްކަ އަށްޑިހަހާސް ހަސަތޭކަ ތޭރަ ރުފިޔާ ނުވަދިހަލާރި) ވަނީ އެ އަތޮޅުތަކުގެ ކައުންސިލުގެ އިދާރާގެ ބަޖެޓަށް ޖަމާކޮށްދެވިފައިއެވެ. އަދި ހަމަ އެއަހަރު އަހަރު ރާއްޖެ ތަމްޞީލްކޮށް ރީތިނަން ހޯދައިދޭ ޓީމްތަކަށް މަރުޙަބާކިއުމުގެ ގޮތުންނާއި އެފަދަ އެހެނިހެން ޙަރަކާތްތަކަށް 786،887.65ރ (ހަތްލައްކަ އަށްޑިހަ ހަހާސް އަށްސަތޭކަ އަށްޑިހަ ހަތްރުފިޔާ ފަސްދޮޅަސް ފަސްލާރި) ޚަރަދު ކުރެވިފައިވެއެވެ.

މިއަހަރުގެ މާޗް މަހުގެ ފަހުކޮޅާ ހަމަޔަށް ޔޫތު މިނިސްޓްރީއިން އަދާހަމަކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުގައި ކުޅިވަރުގެ އެކިކަންކަމަށް ދޫކުރި ފައިސާގެ އަދަދު ވަނީ 11 މިލިޔަނަށްވުރެން މައްޗަށް ޖެހިލާފައެވެ. މީގެ ތެރޭގައި ނެޝަނަލް ސްޕޯޓްސް އެސޯސިއޭޝަންތަކަށް ޙަރަދުވި ފައިސާއާއި، ކުޅުންތެރިންނަށް ދެވޭ މެޑަލް ފައިސާއާއި، ޒޯން ސްޓޭޑިއަމްތަކަށް ދޫކުރި ފައިސާއާއި ޤައުމީ ކުޅިވަރު އެސޯސިއޭޝަންތަކުގެ ކުޅުންތެރިންގެ ގޮތުގައި ދަފްތަރުކުރެވިފައިވާ 243 ކުޅުންތެރިންގެ މުސާރަވެސް ހިމެނެއެވެ.

އަދި މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ކޮންމެ ޤައުމީ ކުޅިވަރު ޓީމުގެ ކުޅުންތެރިންގެ އިތުރުން ޓީމުތަކުގެ އޮފިޝަލުންނަށްވެސް ކަނޑައެޅިފައިވާ އުސޫލުގެ ދަށުން މުސާރަދެމުންގެންދާނެއެވެ.

ކުޅިވަރުގައި ޙަރަކާތްތެރިވާ ކްލަބު ޖަމިއްޔާތަކާއި ޤައުމީ ކުޅިވަރު ކުޅުންތެރިން އަމިއްލަ ފައިމައްޗަށް ތެދުވުމަށް 268 މިލިޔަނަށްވުރެން ގިނަ ރުފިޔާ ޚަރަދުކޮށްފައިވާކަން ޔޫތު މިނިސްޓްރީގެ ވޭތުވެދިޔަ 4 އަހަރު ދުވަހުގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އެހެންކަމުން މިއީ ޒުވާނުން ދުޅަހެޔޮ ސިއްޙަތެއްގެވެރި ބަޔަކަށް ހެދުމަށް ދިވެހި ސަރުކާރުން ކޮށްފައިވާ ބޮޑު އިންވެސްޓްމެންޓެކެވެ.