ސްޕޯޓް ފޯ އޯލް މިއަހަރުވެސް ބާއްވަނީ!

15 ޖެނުއަރީ 2018 - 11:01

މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއިން އިންތިޒާމްކޮށްގެން ކުރިޔަށްގެންދާ ސްޕޯޓް ފޯ އޯލް އަންނަ މަހުގެ 16 އިން 17 އަށް ލ.ގަން އަދި ފޮނަދޫގައި ބާއްވަން ނިންމައިފިއެވެ. ސްޕޯޓްސް ފޯ އޯލް ގެ މީޑިއާ ޕާރޓްނަރ ޕީ.އެސް.އެމް އާއި އެކު މިއަދު އެއްބަސްވުމުގައި ޔޫތު މިނިސްޓަރ އިރުތިޝާމް އާދަމް ސޮއި ކުރެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ސްޕޯޓް ފޯ އޯލްއަކީ "ދުޅަހެޔޮ ދިރިއުޅުމަކަށް ކުޅިވަރު" މި ޝިއާރުގެ ދަށުން ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް އަހުލުވެރިކުރުމުގެ ގޮތުން ހުރިހާ އުމުރުފުރާތަކެއްގެ ބޭފުޅުންނަށް އަމާޒުކޮށްގެން ހިންގޭ ކުޅިވަރާއި ކަސްރަތުގެ ބޮޑު ފެސްޓިވަލެއް ކަމުގައެވެ.

އިތުރަށް ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އިރުތިޝާމް ވިދާޅުވީ 4 އަހަރުގެ މެދު ކެޑުމަކަށްފަހު 2016 ވަނަ އަހަރުން ފެށިގެން ސްޕޯޓް ފޯ އޯލް އަލުން ފެށިފައިވައިވަނީ ރައީސް ޔާމީން ދެއްވި އިރުޝާދާއި އަހައްމިއްޔަތު ކަމުގެ ދަށުންކަމުގައެވެ. "މިފަހަރުގެ ސްޕޯޓް ފޯ އޯލްގައި، ފުޓްސަލް، ހޭންޑްބޯޅަ، ބަށި، ވޮލީ، ފައިގަ ތަޅާ، އެތުލެޓިކްސް އަދި ބައިސްކަލްގެ ހާއްސަ އިވެންޓުތަކެވެސް އޮންނާނެ." މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވިއެވެ.
ސްޕޯޓް ފޯރ އޯލްގައި ލ.އަތޮޅުގެ ސްކޫލުތަކަށާއި ޖަމްއިއްޔާ ޖަމާއަތްތަކަށް އަދި އާންމު ފަރާތްތަކަށް ދުޅަހެޔޮ ދިރިއުޅުމެއްގައި ތިބުމަށް ބޭނުންވާ ހާއްސަ ޓްރެނިންގ ކުލާސްތަކެއް ފެބުރުއަރީ 12 އިން ފެށިގެން 17 އަށް ކުރިއަށް ގެންދެވޭނެއެވެ. އަދި މީގެ އިތުރުން ކުޑަކުދިންގެ ހަވީރާއި، ބްލަޑްޓެސްޓް، އަދި ލޭގެ ޕްރެޝަ ފަދަ މުހިންމު ޓެސްޓު ތައް ބެލޭނެ އިންތިޒާމުވެސް މި އިވެންޓުތެރެއިން ހަމަޖެހިގެންދާނެއެވެ.

މި އިވެންޓުގައި ރާއްޖޭގެ ކުޅިވަރުގެ ބޮޑެތި އެސޯސިއޭޝަންތަކާއި، ރާއްޖޭގެ ފުންނާބު އުސް އެތުލީޓުން ބައިވެރިވާއިރު ރާއްޖޭގެ އެންމެބާރު ދުވުންތެރިޔާ ހަސަން ސާއިދުވެސް ބައިވެރިވާކަން ފާހަގަކޮށްލެވެއެވެ.