ޒުވާނުންގެ ދުވަސް ކުލަގަދަގޮތެއްގައި ފާހަގަކުރުމުގެގޮތުން ލަންކާގައި ހުންނަ ސޯސަން ވިލާގައި ފޯރިގަދަ ޙަރަކާތްތަކެއް ހިންގަނީ!

16 ނޮވެމްބަރު 2017 - 14:11

ޒުވާނުންގެ ދުވަސް ކުލަގަދަގޮތެއްގައި ފާހަގަކުރުމުގެގޮތުން ލަންކާގައި ހުންނަ ސޯސަން ވިލާގައި ފޯރިގަދަ ޙަރަކާތްތަކެއް ހިންގަނީ!

މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް އިން ޒުވާނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ސްރީލަންކާގައި ހުންނަ ސޯސަން ވިލާގައި ޒުވާނުންގެ ޢާއިލީ ހަވީރަކާއި، ބޮޑުބެރު އަދި މިއުޒިކް ޝޯވް ގެ އިތުރުން ބާބެކިއު ޑިނަރ ނައިޓެއް މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާކަމާށް ޔޫތު މިނިސްޓްރީއިން ބުނެފިއެވެ. އަދި އަތޮޅުތަކުގެ ޒުވާނުންގެ މަރުކަޒުތަކުގައިވެސް ވަރަށް ފޯރިގަދަ ޙަރަކާތްތަކެއް މާދަމާ ހަވީރު 1600 އިން ފެށިގެން ކުރިޔަށްދާނެކަމަށް އެ މިނިސްޓްރީއިން ބުނެއެވެ.

ޤައުމީ ޒުވާނުންގެ ދުވަސް ކަމުގައިވާ 17 ނޮވެމްބަރ އާއި ދިމާކޮށް ހިންގުމަށް ރޭވިފައިވާ މި ޙަރަކާތްތަކުގެ ތެރޭގައި ޒުވާނުންގެ މަރުކަޒުތައް ނަލަކުރުމުގެ މުބާރާތެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. އަދި ޒުވާނުންގެ ޢާއިލީ ހަވީރަކާއި ބާބެކިއު ޑިނަރ ނައިޓެއްގެ އިތުރުން މިއުޒިކާއި ބޮޑުބެރު ޝޯވް ވެސް ޒުވާނުންގެ މަރުކަޒުތަކުގައި ކުރިޔަށްދާނެކަމަށް އެ މިނިސްޓްރީއިން ވަނީ ބުނެފައެވެ. ޔޫތު މިނިސްޓްރީއިން މާދަމާ ކުރިޔަށް ގެންދާ އިރުތު ޙަރަކާތްތަކަށް ބަލާލާއިރު، ރޯވްވިންގެ އެސޯސިއޭޝަނާ ގުޅިގެން އައްޑޫ ސިޓީ ފޭދޫގައި ފަލި ޖެހުމުގެ ޙަރަކާތެއްވެސް ކުރިޔަށް ދާނެއެވެ. އަދި ބައިކް މޯލްޑިވްސް އާއި ގުޅިގެން މާލޭ ބޮޑުތަކުރުފާނު މަގު، ދަރުބާރުގޭ ކައިރިން ފެށޭ ބައިސްކަލް ދުއްވުމުގެ ޙަރަކާތެއްވެސް އޮންނާނެއެވެ. މި ދެ ޙަރަކާތްވެސް ކުރިޔަށް ދާނީ މާދަމާ ހަވީރު 1600 އިން ފެށިގެން 1700 އަށެވެ. ބައިސްކަލް ދުއްވުމުގެ ޙަރަކާތް ނިންމާނީ ރަސްފަނު ސަރަޙައްދަށެވެ. އަދި މިޙަރަކާތް ނިންމުމުގެ ރަސްމިއްޔާތައް މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް އިރުތިޝާމް އާދަމް ވަޑައިގަންނަވާގޮތައް ވަނީ ހަމަޖެހިފައެވެ.

ޒުވާނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޅ.ހިންނަވަރުގައި ދުވުމުގެ މުބާރާތަކާއި ފަޅުތެރެ ސާފުކުރުމާއި އަދި ތ.ވޭމަންޑޫގައި ޓީ.ޓީ، ކެރަމް އަދި ބިލިޔާޑް މުބާރާތްތައް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. އަދި ގދ.ތިނަދޫގައި އަންހެން ހޭންޑް ބޯޅަ މުބާރާތަކާއި ޒުވާނުންގެ މަސްރޭސް ކުރިޔަށްދާނެކަމަށް ޔޫތު މިނިސްޓްރީއިން ބުނެއެވެ. މީގެ އިތުރުން ފުވައްމުލައް ސިޓީގައި ކުރިޔަށް ގެންދަން ހަމަޖެހިފައިވާ ފުޓްސަލް މެޗަކާއި އެއް ދުވަހުގެ ކްރިކެޓް މުބާރާތެއް ހިމެނޭއިރު އައްޑޫ ސިޓީ ގަން، އަދި މަރަދޫ ފޭދޫގައި ހިންގުމަށް ހަމަޖެހިފައިވާ ސަޤާފީ ޕެރެޑާއި، ވޮލީ މުބާރާތާއި ބެޑްމިންޓަން މުބާރާތާއި ފެތުމުގެ މުބާރާތްވެސް މާދަމާ ކުރިޔަށް ގެންދާގޮތައް ޔޫތު މިނިސްޓްރީއިންވަނީ ނިންމާފައެވެ.