ކ.މާފުށީ ސްޕޯޓްސް އެރީނާ ފުޓްސަލް ދަނޑު ހުޅުވައިފި!

16 ނޮވެމްބަރު 2017 - 08:11

މިނިސްޓަރ އިރުތިޝާމް އާދަމް ކ.މާފުށި ފުޓްސަލް ދަނޑު ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ.

އިއްޔެ ހަވީރު ކ.މާފުށީ ފުޓްސަލް ދަނޑު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވުން މިނިސްޓަރ އިރުތިޝާމް ވިދާޅުވީ ރައީސް ޔާމީންގެ ސްޕޯޓްސް އެރީނާ މަޝްރޫޢުގެ ދަށުން މުޅި ރާއްޖޭގައި ޤާއިމްކުރެވޭ ކުޅިވަރު ދަނޑުތަކާއި ކޯޓުތައް އިތުރުވަމުން އަންނަ ކަމަށެވެ. އަދި ޒުވާނުންނަށް މިއަދު ލިބިފައިވާ އުފަލަކީ ސްޕޯޓްސް އެރީނާ މަޝްރޫޢުގެ ދަށުން ހުޅުވިގެންދިޔަ ފުޓްސަލް ދަނޑުގައި ފުޓްސަލް ކުޅެވޭނެ ފަހި ފުރުސަތު ލިބިގެންދިއުންކަމުގައި އެކަމަނާ ވިދާޅުވިއެވެ.
"މިއީ ރައީސް ޔާމީން ޒުވާނުންގެ އުންމީދުތައް ޙަޤީގަތަކަށް ހެއްދެވުމަށްޓަކައި އެމަނިކުފާނު މީގެ މާކުރިން ދެކެވަޑައިގަންނަވާ ހުވަފެންތަކުގެ ތެރެއިން އެއް ހުވަފެން. މާޒީވެ ގޮސްފައިވާ ސަރުކާރުތަކުން ޒުވާނުންގެ ތަރައްޤީއަށް އެތަކެއް ވަޢުދުތަކެއްވަނީ ވެފައި. ނަމަވެސް ރައީސް ޔާމީންގެ ސަރުކާރުންވަނީ މިރަށުގެ ބިމުގެ ޖާގައިގެ ދަތިކަމަކީ ޒުވާނުންގެ ތަރައްޤީއަށް އޮތް ހުރަހެއް ނޫން ކަމުގައި ސާބިތުކޮށްދެއްވާފަ" މިނިސްޓަރ އިރުތިޝާމް ވިދާޅުވިއެވެ.

މި ފުޓްސަލް ދަނޑު ޤާއިމްކުރުމަށް މިނިސްޓްރީގެ ބަޖެޓުން 1.4 މިލިޔަނަށްވުރެން ގިނަ ރުފިޔާ ޚަރަދުކޮށްފައިވާއިރު ކުރިޔަށް އޮތް ތަނުގައި ދަނޑުގެ މަރާމާތު މަސައްކަތްވެސް ބަލަހައްޓާނީ ޔޫތު މިނިސްޓްރީއިން ކަމުގައި އެކަމަނާ ވިދާޅުވިއެވެ. ޔޫތު މިނިސްޓްރީ އިން ބުނެފައިވާގޮތުގައި ކ.މާފުށީގައި ސްޕޯޓްސް އެރީނާގެ އެހެނިހެން މަސައްކަތްތައްވެސް ކުރުމަށް ވަނީ ރޭވިފައެވެ. މީގެ ތެރޭގައި ބަށި ކޯޓެއް ޤާއިމްކުރުމާއި، ވޮލީ، ނެޓް ބޯޅަ އަދި އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސް އެއް ޤާއިމްކުރުން ހިމެނެއެވެ. ސްޕޯޓްސް އެރީނާ މަޝްރޫޢަކީ ރައީސް ޔާމީންގެ ރިޔާސީ ވަޢުދުތަކުގެ ތެރެއިން ވަޢުދެކެވެ.