"ޒަވިޔަނި ޔޫތު ފެސްޓިވަލް 2017" ގެ ނަމުގައި ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ޒުވާނުންގެ ފެސްޓިވަލް!

06 ނޮވެމްބަރު 2017 - 11:11

މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް އިން މުޅިން އަލަށް އިންތިޒާމްކޮށްގެން ރާއްޖޭގައި މިހާތަނަށް ބޭއްވޭ އެންމެ ބޮޑު ޒުވާނުންގެ ފެސްޓިވަލް 18 ނޮވެމްބަރ 2017 ވާ ހޮނިހިރު ދުވަހުގެ ހަވީރު ބޭއްވިގެންދާނެއެވެ. މި ފެސްޓިވަލަށް ދެވިފައިވާ ދިވެހި ނަމަކީ "ޒުވާނުންގެ ތަހުވާރު" އެވެ. އަދި މިއީ ޤައުމީ ޒުވާނުންގެ ދުވަސް ކަމުގައިވާ 17 ނޮވެމްބަރ ދުވަހާއި ގުޅިގެން ޒުވާންނަށް ޚާއްސަކޮށް ދެވޭ ހަދިޔާއެކެވެ.

ޒުވާނުންގެ ތަހުވާރުގައި ބައިވެރިވުމުގެ މުއްދަތު މިރޭ 10 ޖަހާއިރަށް ހަމަވާއިރު މި ތަހުވާރުގައި ޒުވާން ވިޔަފާރިވެރިންނާއި، ޒީނަތްތެރިވުމުގެ ދާއިރާއާއި، ޅެންވެރިކަމާއި ލިޔުންތެރިކަމުގެ ދާއިރާއި، ކުރެހުމައި ތަފާތު ފަންނުވެރިކަމާއި އަދި ކެއްކުމުގެ ދާއިރާއިން ފާހަގަކޮށްލެވޭ ޒުވާނުން ފެނިގެންދާނެއެވެ. އަދި މީގެ އިތުރުން ފޮޓޯ އަދި ވީޑިއޯ ނެގުމުގެ ދާއިރާއާއި، އަތްތެރި މަސަތްކަތާއި، ތައުލީމާއި، ކަސްރަތާއި ކުޅިވަރު، އަދި ޚާއްސަކޮށް މޫދު ކުޅިވަރު ގެ ދާއިރާއިން ރާއްޖޭގައި ފާހަގަކޮށްލެވޭ ޒުވާނުންގެ އިތުރުން މުޅިން އާ ޒުވާން މޫނުތަކެއް ފެނެނިގެންދާނެއެވެ.

މި ފެސްޓިވަލުގެ މައިގަނޑު މަޤްސަދަކީ އެކިއެކި ދާއިރާތަކުން ކުރިއަރާ އަދި ކުރި އަރަމުން އަންނަ ޒުވާނުންގެ ހުނަރުވެރިކަން ދައްކާލުމުގެ ފުރުސަތުތައް ތަނަވަސްކޮށްދީ އެއް ވިއުގައެއްގެ ތެރޭގައި ހުރިހާ ޒުވާނުން ބައްދަލުކޮށް ތައަރާފްވުމެވެ. އަދި ޒުވާން ފަންނުވެރިންނާއި ޒުވާނުންގެ އުފެއްދުންތައް މާކެޓްކޮށް ޒުވާނުންގެ މަސައްކަތްތަކަށް އާމްދަނީ ލިބޭނެ މަގުތައް ފަހިކޮށްދިނުމެވެ. ޒަވިޔަނި ޔޫތު ފެސްޓިވަލް އަންނަ އަހަރުވެސް ބާއްވާގޮތަށް މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް އިން ވަނީ ނިންމާފައެވެ.