"މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް ޢީދު ހަދިޔާ" ޙަފްލާ ބާއްވައިފި!

30 އޯގަސްޓް 2017 - 14:08

"މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް ޢީދު ހަދިޔާ" ޙަފްލާ ބާއްވައިފިއެވެ.

މިއަދު ޔޫތު މިނިސްޓްރީގައި ބޭއްވި މިޙަފްލާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް އިރުތިޝާމް އާދަމް ވިދާޅުވީ، މި ޙަފްލާއަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢީދު ކުޅިވަރުތައް ފޯރިގަދަކޮށް ގެންދިއުމާއި އަދި ޒުވާނުންގެ އެއްބައިވަންތަކަން ދައްކާލުމަށް އެކިއެކި އަތޮޅުތަކުން އިންތިޒާމްކޮށްފައިވާ ކުޅިވަރު މުބާރާތްތަކަށް ކުޅިވަރު ސާމާނު ހަދިޔާ ކުރުމަށް ބޭއްވިގެންދިޔަ ޙަފްލާއެއް ކަމަށެވެ. "އާދެ! ކައުންސިލް އިދާރާތަކާއި ކްލަބް ޖަމްޢިއްޔާތަކަށް އަޅުގަނޑުމެން މިދޫކުރާ ކުޅިވަރު ސާމާނުތަކަކީ ތިބޭފުޅުން ނިސްބަތްވެވަޑައިގަންނަވާ އަތޮޅާއި ރަށްރަށުގައި ޒުވާނުންނަށް އަމާޒުކޮށްގެން ހިންގަން ރާވައިފައިވާ ކުޅިވަރު މުބާރާތްތަކަށް ސަރުކާރުގެ ފަރާތުން، އާދެ! ވަކިން ޚާއްސަކޮށް ޢިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ނަންފުޅުގައި ހަދިޔާކުރެވޭ ކުޅިވަރު ސާމާނުތަކެއް،" މިނިސްޓަރ ވިދާޅުވިއެވެ.

ޖުމްލަ 42 ފަރާތަކަށް ކުޅިވަރު ސާމާނު ދޫކުރުމަށް ހަމަޖެހިފައިވާކަމަށްވެސް މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވިއެވެ. އެގޮތުގެ މަތިން ޙަފްލާ ނިމުމަށްފަހުގައިވެސް ހާޒިރުނުވެވޭ ފަރާތްތަކަށް ރަސްމީ ގަޑި ނިމެންދެން ކުޅިވަރު ސާމާނު އަންނަނީ ޔޫތު މިނިސްޓަރީ ދޫކުރަމުންނެވެ. މިއަދު ހަދިޔާކުރެވޭ ކުޅިވަރު ސާމާނުގެ ތެރޭގައި ޓެނިސް ބޯޅަ އާއި ޓޭބަލް ޓެނިސް ރެކެޓް ޖޯޑާއި ޓޭބަލް ޓެނިސް ނެޓް އަދި ވޮލީ އެންޓެނާ ޖޯޑު ހިމެނެއެވެ. އަދި މީގެ އިތުރުން ވޮލީ ބޯޅައާއި ވޮލީ ނެޓް، ބެޑްމިންޓަން ނެޓާއި ފުޓްސަލް ބޯޅައިގެ އިތުރުން ފުޓު ބޯޅައާއި މިނޫނަސް ގިނަ ވައްތަރުގެ ކުޅިވަރު ސާމާނު ހިމެނެއެވެ.

މި ޙަފްލާގައި މިނިސްޓަރ އިރުތިޝާމް އާދަމް ވަނީ ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް އަދި ވަކިން ޚާއްސަކޮށް ލޮބުވެތި ޒުވާނުންނަށް އުފާވެރި އަޟްހާ ޢީދުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ.