މިނިސްޓަރ އިރުތިޝާމް އާދަމް ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ ޢިއްޒަތްތެރި މެމްބަރު މުޙައްމަދު ޙުސެއިން އާއި އަދި ށ. ފޭދޫ ކައުންސިލް މެމްބަރުންނާއި ބައްދަލުކުރައްވައިފި!

09 އޯގަސްޓް 2017 - 00:08

މިނިސްޓަރ އިރުތިޝާމް އާދަމް ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ ޢިއްޒަތްތެރި މެމްބަރު މުޙައްމަދު ޙުސެއިން އާއި އަދި ށ. ފޭދޫ ކައުންސިލް މެމްބަރުންނާއި ބައްދަލުކުރައްވައިފިއެވެ.

ޔޫތު މިނިސްޓްރީގައި އަންގާރަ ދުވަހު އޮތް މި ބައްދަލުވުމުގައި މަޝްވަރާކުރެވުނީ ށ.ފޭދޫ ފުޓްސަލް ދަނޑުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިޔަށްގެންގޮސް ނިންމާލުމާއި ބެހޭގޮތުންނެވެ. މި ފުޓްސަލް ދަނޑުގެ މަސައްކަތް އެމް.އާއު.ޑީ.ސީ އާއި ޙަވާލުކުރެވިފައިވާއިރު ފުޓްސަލް ދަނޑުގެ މަސައްކަތަށް ބޭނުންވާ ސާމާނު އެސް.ޓީ.އޯ އިން ލިބޭނެގޮތް ހަމަޖައްސުމާއި އަދި ތަކެތި ވީހާވެސް އަވަހަކަށް އެމް.އާރު.ޑީ.ސީ މެދުވެރިކޮށް ފޮނުވުމުގެ އިންތިޒާމްތަކާއި ބެހޭގޮތުންވެސް މިނިސްޓަރ އިރުތިޝާމް އާއި ވަނީ މަޝްވަރާކުރެވިފައެވެ.

މި ބައްދަލުވުމުގައި މަޝްވަރާކުރެވުނު އިތުރު ކަންތައްތަކަށް ބަލާއިރު ށ.ފޭދޫ ފުޓުބޯޅަ ދަނޑުގެ ފެންސު މަރާމާތުކުރުމާއި ނެޓު ބޯޅަ ކޯޓަކާއި އަދި ވޮލީ ބޯޅަ ކޯޓެއް ޤާއިމްކުރުމަށްވެސް ވަނީ މަޝްވަރާކުރެވިފައެވެ. ކައުންސިލް މެމްބަރުން ފާހަގަކުރެއްވިގޮތުގައި އެރަށުގެ ދެ ޖިންސުގެ ޒުވާނުން މިހާރު އެންމެ ބޮޑަށްބޭނުންވަނީ ނެޓު ބޯޅައާއި ވޮލީ ބޯޅަ ރަށުގައި ތިބެގެން ކުޅެވޭނެ ފަހި ފުރުސަތުތަކެކެވެ.