މިނިސްޓަރ އިރުތިޝާމް އާދަމް މ.ނާލާފުށި ކައުންސިލް މެމްބަރުންނާއި ބައްދަލުކުރައްވައިފި!

09 އޯގަސްޓް 2017 - 00:08

މިނިސްޓަރ އިރުތިޝާމް އާދަމް މ.ނާލާފުށި ކައުންސިލް މެމްބަރުންނާއި ބައްދަލުކުރައްވައިފިއެވެ.

މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސްގައި އަންގާރަދުވަހު ބޭއްވުނު މިބައްދަލުވުމުގައި މަޝްވަރާކުރެވުނީ ނާލާފުށީގެ ފުޓްސަލް ދަނޑު ޤާއިމްކުރުމާއިބެހޭގޮތުންނެވެ. މިރަށުގެ ފުޓްސަލް ދަނޑު ވަނީ މިދިޔަ އަހަރު އެމް.އާރު.ޑީ.ސީ އާއި ޙަވަލުކުރެވިފައެވެ. އަދި މިދަނޑު އެޅުމަށް ކަނޑައެޅިފައިވާ ބިމުގައި އާންމު ފަރުދެއްގެ ރުއްގަސް ހުރުމުގެ ސަބަބުން އެބިން ސާފުކުރުމަށްޓަކައި އެފަރާތައް ބަދަލުދޭގޮތައް އޭރުވަނީ ނިންމާފައެވެ. ނަމަވެސް މި ރުއްގަސްތަކުގެ ވެރިފަރާތުން އެގޮތައް އެއްބަސްވެފައިނުވާތީވެ ފުޓްސަލްދަނޑުގެ ޤާއިމްކުރުމަށްޓަކައި ކުރެވުނު މަސައްކަތްވަނީ ނާކާމިޔާބުވެފައެވެ.

އެހެންކަމުން މި ފުޓްސަލް ދަނޑު ޤާއިމްކުރުމަށް އިތުރު ޙައްލެއް ހޯދުމާއި ބެހޭގޮތުން މިނިސްޓަރ އިރުތިޝާމް އާދަމްއާއި ނާލާފުށީ ކައުންސިލުންވަނީ މަޝްވަރާކުރެވިފައެވެ. އަދި މިރަށުގެ ފުޓުބޯޅަ ދަނޑު ތަރައްޤީކުރުމަށްޓަކައިވެސް ވަނީ ދެފަރާތުން މަޝްވަރާކޮށްފައެވެ.

މި ބައްދަލުވުމުގައި އިތުރަށް މަޝްވަރާކުރެވުނު ކަންތައްތަކަށް ބާލާއިރު، ބަށި ކޯޓަކާއި އަދި ވޮލީކޯޓެއް ޤާއިމްކުރުންވެސް ހިމެނެއެވެ. އަދި ކުޅިވަރު ޖަމްޢިއްޔާ ޖަމާޢަތްތަކަށް ދޫކުރާ ކުޅިވަރު ސާމާނު މިނިސްޓްރީގެ އުސޫލުގެ ތެރެއިން ހޯދުމަށްޓަކައިވެސް ވަނީ މަޝްވަރާކުރެވިފައެވެ.