ޔޫތު މިނިސްޓަރ އިރުތިޝާމް އާދަމް ފިލިޕީންސް އިން ރާއްޖެއަށް ކަނަޑައަޅާފައި ހުންނަވާ ސަފީރު ވިންސެތޭ ވިވެންޝިޔޯ ޓީ-ބަންޑިލޯ އާ ބައްދަލުކުރައްވައިފި!

ޔޫތު މިނިސްޓަރ އިރުތިޝާމް އާދަމް ފިލިޕީންސް އިން ރާއްޖެއަށް ކަނަޑައަޅާފައި ހުންނަވާ ސަފީރު ވިންސެތޭ ވިވެންޝިޔޯ ޓީ-ބަންޑިލޯ އާ ބައްދަލުކުރައްވައިފިއެވެ.

            މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގައި އާދީއްތަދުވަހު ބޭއްވި މިބައްދަލުކުރެއްވުމުގައި ފިލިޕީންސްގެ ސަފީރާއި ޒުވާނުންގެ ވަޒީރު އިރުތިޝާމް އާދަމް ވަނީ ރާއްޖެއާއި ފިލިޕީންސްއާ ދެޤައުމުގެ ދެމެދުގައި ޒުވާނުންނާއި ކުޅިވަރާއިގުޅޭ ކަންކަން އިތުރަށް ހަރުދަނާކުރެއްވުމާއި، ބައިނަލްއަޤްވާމީ ކުޅިވަރު މުބާރާތްތަކާއި ޒުވާނުންނަށް އަމާޒްކޮށްގެން ހިންގޭ ޕްރޮގްރާމްތައް ކުރިޔަށްގެންދާނެގޮތާއި ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.

            ފިލިޕީންސް ސަފީރުގެ ވާހަކަފުޅުގައި ތަފާތު ކުޅިވަރުތަކުން މަތީ ތަޢުލީމާއި ތަޖުރިބާކާރު ކޯޗުން ފިލިޕީންސް އިން ރާއްޖެއަށް ގެނެސްގެން ތަމްރީނުކުރުމުގެ ފުރުސަތު ދިވެހި ޒުވާނުންނަށް އޮންނާނެކަމުގައި ވިދާޅުވިއެވެ. މީގެ ތެރޭގައި ވޮލީ ބޯޅައާއި ބާސްކެޓް ބޯޅަ އާއި އެހެނިހެން ކުޅިވަރިތައް ހިމެނެއެވެ. އަދި ދެޤައުމުގެ ދެމެދުގައި ޔޫތު އެކްސްޖޭންޖް ޕްރޮގްރާމެއް ހިންގުމަށްވެސް މިނިސްޓަރ އިރުތިޝާމް އާދަމް އާއި ސަފީރު މަޝްވަރާކުރެއްވިއެވެ.

            މިއަހަރުގެ މިނިވަންދުވަހުގެ ޢިޙްތިފާލްތަކުގައި ބައިވެރިވެވަޑައިގަތުމަށް ސަފީރު ވިންސެތޭ ކުރެއްވި ދަތުރުފުޅުގައި ސަރުކާރުގެ ވަޒީރުންނާއި އިސްވެރިންނާއި ބައްދަލުވެ ޢިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާގެ ސިޔާސަތުތަކަށްވަނީ ވަރަށްބޮޑަށް ތަޢުރީފް ކުރައްވާފައެވެ. އެގޮތުގެމަތިން މިބައްދަލުވުމުގައިވެސް ރައީސް ޔާމީންގެ ކުޅިވަރު ސިޔާސަތުތަކަށް ސަފީރުވަނީ ވަރަށް ފުޅާދާއިރާއެއްގައި ޔޫތު މިނިސްޓަރާ މަޝްވަރާކުރައްވާފައެވެ. އަދި ކުޅިވަރު ސާމާނުތަކުގެ އެހީތެރިކަން ފިލިޕީންސް ސަރުކާރުން ދެއްވާނެކަމުގައި ސަފީރު ވިންސެތޭވަނީ ވިދާޅުވެފައެވެ. މި ބައްދަލުވުމުގައިވަނީ ރާއްޖެއާއި ފިލިޕީންސް އާއި ދެމެދު  އެކުވެރިކަމުގެ ވޮލީ މެޗެއް ކުޅުމަށްވެސް މަޝްވަރާކުރެވިފައެވެ.

03 އޮގަސްޓް 2017


1 ހަފްތާ ކުރިން | Views: 130


ފޮޓޯތައް

ގުޅުންހުރި ޚަބަރު

ޓެގްތައް