އެން.ސީ.އޭ "އޮފީސް ޓެލެޑްރާމާ މުބާރާތް 1438" ގެ އެވޯޑް ދިނުމުގެ ޙަފްލާ ބާއްވައިފިއެވެ.

31 ޖުލައި 2017 - 00:07

ނޭޝަނަލް ސެންޓަރ ފޯ ދި އާރޓްސް އިން ރޭ އޮލިމްޕަހުގައި ބޭއްވި މި ޙަފްލާ ޝަރަފުވެރިކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ ޢިއްޒަތްތެރި މެމްބަރ މޫސާ މަނިކު އެވެ. މޫސަޔަކީ ކުރިން ފިލްމީ ދާއިރާއިން ބެލުންތެރިންގެ މަޤުބޫލުކަން ހޯދައިފައިވާ މަޝްހޫރު ތަރިއެކެވެ. ފިލްމީ ދާއިރާއިރާ މިއަދު ކުރިއަރާފައިވާ މިންވަރަށް މިސާލުޖައްސަވައި މި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން މޫސަ ވިދާޅުވީ، ލަވައެއްގެ މަންޒަރެއް ނަގަން މަލެއް ހިފައިގެން ވަރަށްގިނައިރު ހުންނަވަން ޖެހުނުކަމަށެވެ. ނަމަވެސް މިއަދު ޑްރާމާއެއް ކުޅެލަންވިޔަސް އަދި ފިލްމެއް ކުޅެލަންވިޔަސް ނުވަތަ ލަވައެއްގެ މަސައްކަތް ކޮށްލުން އެއީ ވަރަށް ފަސޭހަކަމެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި އެވޯޑު ދިނުމުގެ ޙަފްލާގައި ހޮވުނު ވަނަތަކަށް ބަލާއިރު ވިއުވަރސް ޗޮއިސް އެންމެ މޮޅު ލަވަ، ވިއުވަރސް ޗޮއިސް އެންމެ މޮޅު އަންހެން ތަރި، އަދި އެންމެ މޮޅު ފިރިހެންތަރީގެ އިތުރުން ވިއުވަރސް ޗޮއިސް އެންމެ މޮޅު ޑްރާމާ ވެސް ހިމެނެއެވެ. މި ހަތަރު އެވޯޑްވެސް ލިބިފައިވަނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ޑްރާމާ، "ތައުބާވޭ" މި ޑްރާމާއަށެވެ. ސްޓޭޓް އިލްކްޓްރިކް ކޮމްޕެނީ ލިމިޓެޑް އިން ގެނެސްދިން "ކަޅާއި ހުދު" މި ޑްރާމާއަށް އެންމެ މޮޅު މިއުޒިކާއި، ސިނަމެޓޮގްރާފަރ، އެންމެ މޮޅު އެޑިޓަރ، އެންމެ މޮޅު ސްކްރީން ޕްލޭ އަދި އެންމެ މޮޅު ޑައިރެކްޓަރ ގެ އެވޯޑްތައް ހާސިލް ކޮށްފައިވާއިރު މި މުބާރާތުގެ އެންމެ މޮޅު ލަވައިގެ އެވޯޑް ހާސިލްކޮށްފައިވަނީ މާލޭ ވޯޓަރ އެންޑް ސިވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ "މަންޒިލް" ޑްރާމާގައި ހިމަނާފައިވާ "ދަތުރެއްގާ" ލަވައަށެވެ. އެންމެ މޮޅު ސަޕޯޓިންގ އަންހެން ތަރީގެ އެވޯޑް އެމް.އޭ.ސީ.އެލްގެ ފާތިމަތު ނާޒްލީ ހާސިލްކޮށްފައިވާއިރު އެންމެ މޮޅު ސަޕޯޓިންގ ފިރިހެން ތަރީގެ އެވޯޑު ހާސިލްކޮށްފައިވަނީ ހައުސިންގ މިނިސްޓްރީގެ ޢިމްރާން މުޙައްމަދުއެވެ. މި މުބާރާތުގެ އެންމެ މޮޅު އަންހެން ތަރިއަކީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ އައިމިނަތު ޖުލީޝާއެވެ. އަދި މި މުބާރާތުގެ އެންމެ މޮޅު ފިރިހެން ތަރިއަކަށް ހޮވިފައިވަނީ ހައުސިންގ މިނިސްޓްރީގެ އަބްދުﷲ ޚަލީލްއެވެ.

އެން.ސީ.އޭ "އޮފީސް ޓެލެޑްރާމާ މުބާރާތް 1438" ގެ އެންމެ މޮޅު ޑްރާމާއަކަށް ހޮވިފައިވަނީ ސްޓެލްކޯގެ "ކަޅާއި ހުދު" މި ޑްރާމައެވެ. މި ޙަފްލާގައި ވަނީ ތަފާތު އެކި ފަންނާނުންގެ ފަންނުވެރިކަންވެސް ދައްކާލާފައެވެ. އެގޮތުގެ މަތިން މޯލްޑިވިއަން އައިޑަލްގެ ވޭތުވެދިޔަ 2 ސީޒަނުން ފާހަގަކޮށްލެވޭ ދެ ފަންނާނުން ކަމުގައިވާ ޝަމްވީލް މުޙައްމަދު އާއި މުޙައްމަދު އިޝާންގެ ބޭންޑާއިއެކު ވަރަށް ހިތްގައިމު ލައިވް ހުށައެޅުންތަކެއް ވަނީ ފެނިގެންގޮސްފައެވެ. އަދި އެން.ސީ.އޭ ބޭންޑްވެސް ވަނީ ވަރަށް ތަފާތު ލައިވް ހުށައެޅުމެއް ގެނެސްދީފައެވެ. މި އެވޯޑް ޙަފްލާގެ ވަނަތަކަށް ދިޔަފަރާތްތަކަށް ވަނީ ޓްރޮފީއާއި ހަނދާނީ ލިޔުމާއި އަދި ފައިސާގެ އިނާމުގެ ގޮތުގައި އެއްލައްކައަށްވުރެން ގިނަ ރުފިޔާ ހުށައަޅާފައެވެ.

ދިވެހި ފަންނާނުންގެ ފަންނުވެރިކަން ދިރުވާ އާލާކުރުމުގެ ގޮތުން ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވަނީ ދިވެހި ފަންނުވެރިކަމުގެ ރޮނގުން ކުރިޔަށްދާން ބޭނުންވާ ފަރާތްތަކަށް ޚާއްސަ އަހައްމިއްޔަތުކަމެއް ދެއްވާފައެވެ. އެގޮތުގެ މަތިން އޮފީސް ޓެލެޑްރާމް މުބާރާތަކީވެސް 12 އަހަރުގެ މެދުކެނޑުމަކަށްފަހު އަލުން 2014 ވަނަ އަހަރުން ފެށިގެން ބޭއްވުމަށް އެމަނިކުފާނު ނިންމެވި ވަރަށް ޚާއްސަ ނިންމެވުމެކެވެ. ދިވެހި ފަންނުވެރިކަމަށް އާރޯކަމާއި ދިރުމެއް ގެނެސްދެއްވުމުގެގޮތުން ރައީސް ޔާމީންގެ ފުރިހަމަ ނިންމެވުމުގެ ސަބަބުން ދިވެހި އަމިއްލަ އުފެއްދުންތައް އިތުރުވެ ފަންނުވެރިކަމުގެ ދާއިރާއަށް މިހާރުވަނީ ބޮޑެތި ބަދަލުތައް އައިސްފައެވެ. ރައީސް އަބްދުﷲ ޔާމިންގެ ސަރުކާރުން މި ހޯއްދަވައިދެއްވި ފަހި ފުރުސަތުގެ ދަށުން ފަންނުވެރިން އެކުވެރި މާހައުލެއްގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބި އަދި އެފަންނުވެރިންގެ އަގުވަޒަން ކުރުމުގެ ގޮތުން އެން.ސީ.އޭ މެދުވެރިކޮށް ގިނަގުނަ މަސައްކަތްތައް އަންނަނީ ކުރެވެމުންނެވެ. ފަންނުވެރިކަން އާލާކުރުމުގެގޮތުން ކްލާސްތަކާއި ތަމްރީނުތައް ކުރިޔަށް ގެންދިޔުމަށް ބޭނުންވާ އެންމެހާ ފަރާތްތަކަށް އެން.ސީ.އޭ ހުންނަ އިމާރާތުގައި ޖާގަ އޮންނަ މިންވަރުން އެއްވެސް ފީއެއް ނެގުމަކާއިނުލާ ރަޖިސްޓްރީކުރެވިގެން ޚިދުމަތްލިބެން ހުންނާނެއެވެ. އެން.ސީ.އޭގެ އަމާޒަކީ ފަންނުވެރިކަމާއި ހުނަރުވެރިމުގެ ދާއިރާތަކަށް ދިރުމެއް ގެނުވާ ދިވެހި ޒުވާން ފަންނާނުން ކުރީސަފަށް ނެރެ މުޖުތަމަޢުގައި އެމީހުންނަކީ އިޙްތިރާމާއި ލޯބިލިބޭނެފަދަ ބަޔަކަށް ހެދުމެވެ.