ޔޫތު ކަޕް 2017 ގެ ނަމުގައި ބޭއްވި ހަތަރު ކުޅިވަރު މުބާރާތުގައި 390 ޒުވާނުން ބައިވެރިވެއްޖެ!

30 ޖުލައި 2017 - 00:07

މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް އިން އިންތިޒާމްކޮށްގެން މިމަހުގެ 26 އިން 29 އަށް ކުރިޔަށް ގެންދިޔަ މި މުބާރާތްތަކުގެ މަޤްސަދަކީ ޒުވާނުންގެ މެދުގައި ކުޅިވަރުގެ ރޫޙް އާލާކޮށް ވާދަވެރިކަމާއެކު އުފާވެރި މާހައުލެއްގައި ކުޅިވަރު ކުޅެ، އެއްބަޔަކު އަނެއްބަޔަކާ ބައްދަލުވެ އެކުވެރިކަން އަލާ ކުރުމެވެ. މި ހަތަރު މުބާރާތްވެސް ކުރިޔަށްދިޔައީ މާފަންނު ޒުވާނުންގެ މަރުކަޒު އިންޑޯ ހޯލްގައެވެ.

ޔޫތު ކަޕް 2017 ގެ މުބާރާތްތަކަށް ބަލާލާއިރު ވޮލީ ބޯޅަ މުބާރާތުގައި ވަނީ ދެޖިންސުގެ ޒުވާން ޓީމްތައް ބައިވެރިވެފައެވެ. ފިރިހެން 7 ޓީމާއި އަދި އަންހެން 3 ޓީމް ބައިވެރިވެފައިވާއިރު ޖުމްލަ 100 ޒުވާން ކުޅުންތެރިންވަނީ މި މުބާރާތުގައި ބައިވެރިވެފައެވެ. އަދި ބާސްކެޓް ބޯޅަ މުބާރާތުގައި ޖުމްލަ 5 ޓީމް ބައިވެރިވެ 50 ކުޅުންތެރިންވަނީ ބާސްކެޓް ބޯޅައިގެ ތަފާތު ހުނަރުތައްވެސް ކުޅުމުގެތެރެއިން ދައްކާފައެވެ. ރާއްޖޭގައި މަޝްހޫރު އެއް ކުޅިވަރުކަމުގައިވާ ނެޓްބޯޅަ މުބާރާތެއްވެސް ޔޫތު ކަޕް 2017 އިން ވަނީ ފެނިގެންގޮސްފައެވެ. އަންހެން 9 ޓީމް ބައިވެރިވި މި މުބާރާތުގައި 90 ކުޅުންތެރިން ވަނީ ފެނިގެންގޮސްފައެވެ. އަދި ހޭންޑް ބޯލް މުބާރާތުގައި ފިރިހެން 09 ޓީމާއި އަންހެން 7 ޓީމް ބައިވެރިވެފައިވާއިރު ޖުމްލަ 150 ކުޅުންތެރިން މި މުބާރާތުގައި ހިމެނެއެވެ.

މި މުބާރާތްތައް ނިންމުމުގެ ރަސްމިއްޔާތުވަނީ ވަރަށް ކުލަގަދަގޮތެއްގައި ފާހަގަކޮށް އަދި ވަނަތަކަށް ދިޔަ ފަރާތްތަކަށް ހަނދާނީ ލިޔުމާއި ތައްޓާއި މެޑަލް ހާވަލުކުރެވިފައެވެ.