ކުޅިވަރު ކުލަބް ޖަމްޢިއްޔާތައް ކޮމިޝަނަރ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީވުމުގެ މުއްދަތު އިތުރުކޮށްފި!

22 ޖުލައި 2017 - 00:07

ޔޫތު މިނިސްޓްރީ އިން މި މުއްދަތު އިތިރުކޮށްފައިވަނީ، މިނިސްޓްރީގެ ނަންބަރު: SD/141/2017/34ހ141(5 ޖޫން 2017) އިޢުލާން، 'ކުޅިވަރު ޖަމްޢިއްޔާތައް ރަޖިސްޓަރީކޮށް ހިންގުމާބެހޭ ގަވާއިދުގައިވާ ގޮތުގެ މަތީން، ކުޅިވަރު ކުލަބް ޖަމްޢިއްޔާތައް، ކޮމިޝަނަރ އޮފް ސްޕޯޓްސްގައި ރަޖިސްޓަރީކުރުމަށްޓަކައި، 20 ޖުލައި 2017 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މި މިނިސްޓްރީއަށް ހުށައެޅުއްވުމަށް މީގެ ކުރިން ދެންނެވިފައިވީނަމަވެސް، ގިނަ ކުޅިވަރު ކްލަބް ޖަމްޢިއްޔާތަކުން އެގޮތަށް އެދިފައިވާތީއެވެ.

މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް އިން މިހާރުވަނީ 20 އޮގަސްޓް 2017 ވަނަ ދުވަހުގެ ނިޔަލަށް ކުޅިވަރު ކްލަބް ޖަމްޢިއްޔާތައް ކޮމިޝަނަރ އޮފް ސްޕޯޓްސްގައި ރަޖިސްޓަރީކުރުމުގެ މުއްދަތު އިތުރުކޮށްފައެވެ. އަދި މިތާރީޚްގެ ފަހުން،ހުށަހަޅުއްވާ ކުލަބު ޖަމްޢިއްޔާތައް ރަޖިސްޓްރީކޮށްދެވޭނީ ޖަމްޢިއްޔާތަކުން ޔޫތު މިނިސްޓްރީއަށް ހުށަހަޅުއްވާފައިވާ ތާރީޚުން ފެށިގެންނެވެ. މިތާރީޚްގެ ފަހުން، ކޮމިޝަނަރ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީވެގެން މެނުވީ، އެއްވެސް ވާދަވެރި ކުޅިވަރު މުބާރާތެއް އިންތިޒާމްކޮށް ހިންގުމާއި އަދި ވާދަކުރުމުގެ ފުރުޞަތު ނޯންނާނެއެވެ.

އަންނަ އޮގަސްޓް މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް މި މުއްދަތު އިތުރުކޮށްފައިވާއިރު 'ކުޅިވަރު ޖަމްޢިއްޔާތައް ރަޖިސްޓަރީކޮށް ހިންގުމާބެހޭ ގަވާއިދު' އާއި ހުށައަޅަންޖެހޭ ފޯމް މި މިނިސްޓްރީގެ ވެބްސައިޓު (www.youth.gov.mv) އިންޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

ކުޅިވަރު ކްލަބް ޖަމްޢިއްޔާތައް ކޮމިޝަނަރ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީ ކުރުމަށް ނިންމާފައިވަނީ ޤާނޫނު ނަންބަރު 30/2015 (ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނު) ގެ 5 ވަނަ މާއްދާގައި، އެއްވެސް ކުޅިވަރެއް ނުވަތަ ޙަރަކާތަކަށް ނިސްބަތްވާ ކްލަބް ނުވަތަ ޓީމު ނުވަތަ ޖަމްޢިއްޔާއެއް ޤާއިމްކޮށް ހިންގޭނީ އެ ޤާނޫނުގެ ދަށުން ރަޖިސްޓަރީ ކުރެވިގެން ކަމަށް ކަނޑައެޅުމާއިގުޅިގުޅިގެންނެވެ.