"މޯލްޑިވްސް ޔޫތު ޑެލިގޭޝަން ވިޒިޓް ޓު ޗައިނާ 2017" ގެ ނަމުގައި ޗައިނާގައި ކުރިޔަށްދިޔަ ޕްރޮގްރާމް ނިންމާލައިފި!

           މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް އިން ޒުވާނުން ތަރައްޤީގެ މަގުގައި ބޭނުންކުރުމުގެ މަޤްސަދުގެ ދަށުން "މޯލްޑިވްސް ޔޫތު ޑެލިގޭޝަން ވިޒިޓް ޓު ޗައިނާ 2017" ގެ ނަމުގައި ޕްރޮގްރާމެއް ހަމަޖައްސަވައި ދިވެހި ޒުވާނުންތަކެއް ޗައިނާގައި ތަމްރީން ހޯދައިފިއެވެ. ވޭތުވެދިޔަ ތިން އަހަރުދުވަހުގެ ތެރޭގައި ދިވެހި ރާއްޖެއާއި ދާޚިލީގޮތުންނާއި އަދި ވިޔަފާރީގެގޮތުން ވަރަށް ބޮޑަށް ގުޅުން ބަދަހިވެފައިވާ ޗައިނާގެ ވެރިރަށް ބެއިޖިންގް ގައި މި މަހުގެ 09 އިން 15 އަށް ކުރިޔަށްދިޔަ މި ޕްރޮގްރާމްގައި ބައިވެރިވެފައިވަނީ 11 ދިވެހި ޒުވާނުންނެވެ.

          މިދަތުރުގެ މަޤްސަދަކީ "ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް' ގުޅުމުގެ ތެރެއިން ޗައިނާގެ ތަރައްޤީގެ ދުވެލީގައި އެޤައުމުގެ ޒުވާނުން ބައިވެރިވެފައިވާ މިންވަރާއި މަސައްކަތްތައް ހިއްސާކުރުމާއި، ޗައިނާގެ ސަޤާފަތާއި އެޤައުމުގެ ޒުވާނުންގެ ހުނަރުވެރިކަމާއި އަދި ޓެކްނޮލޮޖީ ކުރިއެރުވުމުގައި އެޤައުމުގެ ޒުވާނުންގެ ބައިވެރިވުން ދިވެހި ޒުވާނުންނަށް ހިއްސާކުރުމެވެ. އަދި ހަމައެހެންމެ ދަތުރުގެ ސެމިނަރ އަދި ބައްދަލުވުންތަކުން ލިބޭ މަޢުލޫމާތުތަކާއި ތަފާތު ޕްރޮގްރާމްތައް ތަޖުރިބާކޮށްލަން ދިވެހި ޒުވާނުންނަށް ފުރުސަތު ފަހިކޮށްދިނުމެވެ. މިކަމުގެ ސަބަބުން ދިވެހި ރާއްޖެ ތަރައްޤީ ކުރެއްވުމަށް ޢިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ކުރައްވާ މަސައްކަތްޕުޅުތަކުގައި ޒުވާނުންގެ ބައިވެރިވުން މިހާރަށްވުރެންވެސް ބޮޑަށް ލިބިގެންދާނެކަމަށް މިދަތުރުގެ ބައިވެރިންގެ ފަރާތުން މަޢުލޫމާތުލިބެއެވެ.  

                  މިފަހަކަށް އައިސް މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް އިން ޒުވާނުންނަށް އަމާޒުކޮށްގެން ގިނަ ޕްރޮގްރާމްތަކެއް ހިންގަމުން އަންނަކަން ފާހަގަކޮށްލެވެއެވެ. މިގޮތުގެ މަތިން މިއަހަރުގެ މާރިޗު މަހުގެ 28 އިން އެޕްރީލް މަހުގެ 3 ވަނަދުވަހަށް  އަވަށްޓެރި ސްރީލަންކާގެ ޓްރިންކޮމަލީގައި އޮތް ބައިނަލް އަޤްވާމީ ޒުވާނުންގެ ކޭމްޕެއްކަމުގައިވާ ޔޮވުން ޕޫރާގައި ޒުވާނުންގެ ވަފުދެއްވަނީ ބައިވެރިވެ ތަމްރީނުވެފައެވެ. މިއީ ޔޫތު ލީޑަރުން އުފެއްދުމަށް ކޮންމެ އަހަރަކުވެސް ބޭއްވޭ ކޭމްޕެކެވެ. އަދި މިދިޔައަހަރުވެސް ދިވެހި ޒުވާނުންތަކެއް ވަނީ މި ކޭމްޕްގައި ބައިވެރިކޮށް ތަމްރީނުކުރެވިފައެވެ. އަދި މިދިޔަ އަހަރުގު އިންޑިޔާގައި ބޭއްވުނު ޔޫތު އެކްސްޗޭންޖް ޕްރޮގްރާމްގައި 50 އަށްވުރެންގިނަ ޒުވާނުންވަނީ ބައިވެރިވެ ތަފާތު ގިނަގުނަ ތަޖުރިބާތަކާ ފަންނުވެރިކަން އުނގެނިފައެވެ. ވޭތުވެދިޔަ ދިގު ތާރީޚުގައިވެސް ޒުވާނުންނަށް ނުލިބޭ އެތަކެއް ފުރުސަތުތަކެއް މިދިޔަ 3 އަހަރުގެ ތެރޭގައި ދިވެހި ސަރުކާރުން ފަހިކޮށްދެއްވާފައިވާކަން ޔޫތު މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

16 ޖުލައި 2017


1 ދުވަސް ކުރިން | Views: 192


ފޮޓޯތައް

ގުޅުންހުރި ޚަބަރު

ޓެގްތައް