ދިވެހި ޒުވާނުންނަށް އުންމީދުގެނުވައިދިނީ ދިވެހި ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ޤައްޔޫމް ކަމުގައި މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.


           ދިވެހި ޒުވާނުންނަށް އުންމީދުގެނުވައިދިނީ ދިވެހި ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ޤައްޔޫމް ކަމުގައި މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.

          މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް އިރުތިޝާމް އާދަމް މެއި މަހުގެ 1-2 އަށް ރ.އަތޮޅުގެ ވާދޫ، އުނގޫފާރު، މާކުރަތު، އަދި ހުޅުދުއްފާރަށް ކުރެއްވި ދަތުރުފުޅުގައި ރ.ވާދޫ ފުޓްސަލް ދަނޑު ހުޅުވައިދެއްވާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ޒުވާނުންނަކީ ޤައުމުގެ މުސްތަގުބަލްކަމުގައި ވީހިނދު، ދިވެހި ޒުވާނުން އަދުގެ ރައީސުލް ޖުމްހޫރިއްޔާ ކޮށްދެއްވާ މަސައްކަތް ބަލައިގަންނަކަން ރ.އަތޮޅުންވެސް ތަސައްވަރުކުރެވެއެވެ.

         ރ.ވާދޫ ފުޓްސަލް ދަނޑު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އިރުތިޝާމް ވިދާޅުވީ ސްޕޯޓްސް އެރީނާ މަޝްރޫއުގެ ދަށުން ހުޅުވުނު ފުޓްސަލް ދަނޑަކީ މިނިސްޓްރީ އާއި ފޮނުމަތް ކާޕެންޓްރީއާއި ދެމެދު ވެވުނު އެއްބަސްވުމުގެދަށުން 1.1 މިލިއަނަށްވުރެން ގިނަ ދިވެހިރުފިޔާ ޚަރަދުކޮށްގެން ޤާއިމްކުރެވުނު ފުޓްސަލް ދަނޑެއްކަމުގައިއެވެ. "މިރަށުގައިވާނީ މީގެކުރިން އަރޭ އިންވެސްޓްމެންޓް އާއި ވެވުނު އެއްބަސްވުމުގެދަށުން ނުވަދިހަ އަށްހާސް ރުފިޔާ ޚަރަދުކޮށްގެން ބަށި ކޯޓެއް އަޅާފަ، މީގެ އިތުރުން މިރަށުގެ ފުޓުބޯޅަ ދަނޑުގެ މަސައްކަތް ފެށުމަށް ރޭވިފައިވާއިރު ވޮލީ ކޯޓާއި ނެޓްބޯޅަ ކޯޓް ގެ މަސައްކަތްވާނީ ޓެންޑރ ޕްރޮސެސިންގްގެ ތެރޭގައި،" މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރގެ މިދަތުރުފުޅުގައިވަނީ ރ.ވާދޫ ޒުވާނުންގެ މަރުކަޒު ހުޅުވައިދެއްވައި އެރަށުގެ ޒުވާނުންނާއި ރައްޔިތުންނާވެސް ބައްދަލުކުރައްވާފައެވެ.  

          މިދަތުރުފުޅުގައި މެއި މަހުގެ 1 ވަނަ ދުވަހުގެރޭ ރ.އުނގޫފާރަށް ވަޑައިގަންނަވައި މިނިސްޓަރ އިރުތިޝާމް އާދަމްވަނީ ރ.އުނގޫފާރުގެ ޒުވާނުންނާއި ރައްޔިތުންނާއި ބައްދަލުކުރައްވައި ޔޫތު މިނިސްޓްރީއިން ހިންގަމުންދާ އަދި ހިންގުމަށް ރޭވިފައިވާ މަޝްރޫއުތަކުގެ މައުލޫމާތުދެއްވާފައެވެ. އަދި ޒުވާނުން އެދިލައްވާ ކަންތައްތައް އެކަމަނާވަނީ ވަރަށްގާތުން ބައްލަވާލައްވާފައެވެ. ސްޕޯޓްސް އެރީނާގެދަށުން ރ.އުނގޫފާރުގައި ޤާއިމްކުރެވޭ ފުޓްސަލް ދަނޑުގެ މަސައްކަތް ދެފިޔަވައްސަކަށް ބަހާލައިގެން ކުރިޔަށްދާއިރު މިދަނޑުގެ ބޮޑުބައެއް ނިމިފައިވާކަމަށް މިނިސްޓަރގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއިރު، ބަށި ކޯޓު ޤާއިމްކޮށްނިންމާ އަދި ބާސްކެޓް ކޯޓު އެޅުމަށް މިހާރުވާނީ ރޭވިފައިކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. "މިރަށުގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާ ވޮލީ ކޯޓާއި ނެޓްބޯޅަ ކޯޓްގެ މަސައްކަތްކުރުމަށް ޓެންޑަރ ޕްރޮސެސިން ކުރިޔަށްދަނީ، އަދި ފުޓުބޯޅަ ދަނޑުގެ ލައިޓްގެ މަސައްކަތްފިޔަވާ އެހެނިހެން މަސައްކަތްތައް ނިމިފައިވާއިރު ޒުވާނުންގެ މަރުކަޒު މަރާމާތުކުރުމުގެ މަސައްކަތްވެސް މާލަސްތަކެއްނުވެ ފެށިގެންދާނެ، ސްޕޯޓްސް އެރީނާ މަޝްރޫއުގެދަށުން މިހާތަނަށް މިރަށަށް އެކަނިވެސް އަށް ލައްކައަށްވުރެން ގިނަރުފިޔާ ޚަރަދުވެފައިވޭ!،" މިނިސްޓަރ ވިދާޅުވިއެވެ.  

           ރ. އަތޮޅު މާކުރަތަށް މެއި މަހުގެ 2 ވަނަދުވަހު ވަޑައިގަންނަވައި މިނިސްޓަރ އިރުތިޝާމް އާދަމް ވަނީ  މާކުރަތު ޒުވާނުންގެ މަރުކަޒު ރަސްމީކޮށް ހުޅުވައިދެއްވައި ޒުވާނުންގެ މަރުކަޒުގެ ޚިދުމަތްތަކާއި ކުޅިވަރު ވަސީލާތްތައް ބައްލަވާލައްވައި އަމަލީގޮތުން ޒުވާނުންނާއި އެއްކޮށް ކުޅިވަރުގައި ބައިވެރިވެވަޑައިގެންފައެވެ. ރ.މާކުރަތުގައި ހުޅުވުނު ޒުވާނުންގެ މަރުކަޒަކީ 590،072.35 ދިވެހި ރުފިޔާ ޚަރަދުކޮށްގެން ގާއިމްކުރެވިފައިވާ މަރުކަޒެކެވެ. އަދި ރ.މާކުރަތުގެ ޒުވާނުންނާއި، ރައްޔިތުންނާއި ބައްދަލުކުރައްވައި މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވީ މިރަށުގެ ފުޓްސަލް ދަނޑުގެ މަސައްކަތް ފެށުމަށް އެމް.އާރު.ޑީ.ސީ އާއި ހަވާލު ކުރެވިފައިވާއިރު 740،000.00 އަށްވުރެން ގިނައަދައެއްގެ ދިވެހިރުފިޔާ ޚަރަދުވާނެކަމަށް ލަފާކުރައްވާކަމަށެވެ. އަދި ސްޕޯޓްސް އެރީނާ ފުޓުބޯޅަ ދަނޑާއި ނެޓްބޯޅަ ކޯޓް އަދި ވޮލީކޯޓްގެ މަސައްކަތް ފެށުމަށް ރޭވިފައިވާއިރު ބަށިކޯޓެއް ޤާއިމްކުރުމުގެ މަސައްކަތްވެސް އިރާދުކުރެއްވިއްޔާ ކައިރި މުސްތަގުބަލެއްގައި ފެށިގެންދާނެކަމަށެވެ.

         މިނިސްޓަރ އިރުތިޝާމް އާދަމް ރ.އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އެންމެފަހުން ވަޑައިގެންނެވީ ރ.ހުޅުދުއްފާރަށެވެ. މިދަތުރުފުޅުގައި އެކަމާނާވަނީ ހުޅުދުއްފާރުގެ ޒުވާނުންނާއި ރައްޔިތުންނާއި ބައްދަލުކުރައްވާ، ޔޫތު މިނިސްޓްރީ އިން މިރަށުގައި ރޭވިފައިވާ މަޝްރޫއުތަކާއިބެހޭ މައުލޫމާތު ދެއްވާފައެވެ. މިރަށުގެ ޒުވާނުންވަނީ މިނިސްޓަރ އިރުތިޝާމް އާދަމް އަށް ޒުވާނުންގެ ތަރައްޤީއާއި ގުޅޭގޮތުން ތަފާތުގިނަ ޚިޔާލުވެސް ދެއްވާފައެވެ. ރ.ހުޅުދުއްފާރުގައި މިނިސްޓްރީއިންވަނީ އެރަށުގެ ކަނބަލުން ބަށި ކުޅުމަށްޓަކައި ބަށި ކޯޓެއް ޤާއިމްކޮށްފައެވެ. އަދި ފުޓްސަލް ދަނޑުގެ މަސައްކަތުގެ ފުރަތަމަ ފިޔަވަހި ނިންމާ ދެވަނަ ފިޔަވަހި އިއުލާންކުރުމަށް އަތޮޅު ކައުންސިލްގައި ދެންނެވިފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.   

          ރ.އަތޮޅުގެ ހަތަރު ރަށަކަށް މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް އިރުތިޝާމް އާދަމް ކުރެއްވި ދަތުރުފުޅުގައި މިނިސްޓަރގެ ޓީމްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެމްބަރުން ކަމުގައިވާ ކ.ގުރައިދޫ ދާއިރާ މެމްބަރ އިބްރާހިމް ރިޒާ، އައްޑޫ ސިޓީ ހުޅުދޫ ދާއިރާ މެމްބަރ މުޙައްމަދު ޝާހިދު އާއި ރ.އުނގޫފާރު ދާއިރާ މެމްބަރ ޖައުފަރު ދާވޫދު ބައިވެރިވެވަޑައިގެންނެވިއެވެ. ޔޫތު މިނިސްޓްރީއިން ރ.އަތޮޅުގައި ބޮޑެތި މަޝްރޫއުތަކެއް ހިންގަމުން އަންނަކަން ފާހަގަކޮށްލެވެއެވެ. އަދި މިދަތުރުގައި މިނިސްޓަރ އިރުތިޝާމް އާއި ޓީމަށް ރ.އަތޮޅު ވާދޫ، އުނގޫފާރު، މާކުރަތު އަދި ހުޅުދުއްފާރުންވަނީ ވަރަށް ހޫނު މަރުޚަބާއެއް ދަންނަވާފައެވެ. އަދި މިކަމަށްޓަކައި މިނިސްޓަރ އިރުތިޝާމް އާދަމް ވަނީ ރ.އަތޮޅުގެ ވަޑަގެންނެވި ރަށްރަށުގެ ރައްޔިތުންނާއި ޚާއްސަކޮށް ޒުވާނުންނަށް ދިވެހި ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން، ރ.އަތޮޅުގެ ޒުވާނުންގެ ކުރިއެރުމާއި، ތަރައްޤީއާއި ދުޅަހެޔޮކަމަށް ކޮށްދެއްވާ އަގު ބޮޑު އެހާމެ ބުރަ މަސައްކަތްޕުޅަށް ރ.އަތޮޅުގެ އެންމެހާ ރައްޔިތުންނާއި ޒުވާނުންގެ ނަމުގައްޔާއި އެކަމާނާއާއި އަދި ޔޫތު މިނިސްޓްރީގެ އެންމެހާ މުވައްޒަފުންގެ ނަމުގައި އެމަނިކުފާނަށް ވަރަށް ޚާއްސަ ޝުކުރެއް ދަންނަވާފައެވެ.

02 މެއި 2017


1 ހަފްތާ ކުރިން | Views: 168


ފޮޓޯތައް

ގުޅުންހުރި ޚަބަރު

ޓެގްތައް