ސަރުކާރުގެ ސްޕޯޓްސް އެރީނާ މަޝްރޫޢުގެ ދަށުން އައްޑޫ ސިޓީ ހިތަދޫ، ހުޅުދޫ އަދި މީދޫގައި 11 ކުޅިވަރު ވަސީލަތެއް ގާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ސަރުކާރުގެ ސްޕޯޓްސް އެރީނާ މަޝްރޫޢުގެ ދަށުން އައްޑޫ ސިޓީ ހިތަދޫ، ހުޅުދޫ އަދި މީދޫގައި 11 ކުޅިވަރު ވަސީލަތެއް ގާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

          މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގައި މިއަދު  ބޭއްވި ރަސްމިއްޔާތުގައި ވާހަފުޅުކަދައްކަވަމުން މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް އިރުތިޝާމް އާދަމް ވިދާޅުވީ މިއަދު މިވެވުނު އެއްބަސްވުމުގެ ދަށުން އައްޑޫ ސިޓީ ހިތަދޫގެ ޒުވާނުންނަށް ބަށިކޯޓަކާއި، ނެޓްބޯޅަކޯޓެއް އަދި ވޮލީކޯޓެއް ﷲގެ ވާގިފުޅާއިއެކު ލިބިގެންދާނެ ކަމަށެވެ. އަދި އައްޑޫ ސިޓީ ހުޅުދޫގައި 2 ވޮލީކޯޓް އަދި ނެޓްބޯޅަ ކޯޓެއްގެ އިތުރުން ބަށިކޯޓެއް ގާއިމް ކުރެވިގެންދާނެކަމަށެވެ. އަދި އައްޑޫ ސިޓީ މީދޫގައި 2 ވޮލީ ކޯޓް އަދި ނެޓްބޯޅަ ކޯޓެއްގެ އިތުރުން ބަށިކޯޓެއް އެޅިގެންދާނެކަމަށްވެސް މިނިސްޓަރ އިރުތިޝާމް ވިދާޅުވިއެވެ.

         މިރަސްމިއްޔާތުގައި އިތުރަށް ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އިރުތިޝާމް ވިދާޅުވީ ސްޕޯޓްސް އެރީނާ މަޝްރޫއުގެ ދަށުން އައްޑޫ ސިޓީ ހިތަދޫގައި މީގެ ކުރިންވާނީ ފުޓްސަލް ދަނޑެއްގެ އިތުރުން ޒުވާނުންގެ މަރުކަޒެއްވެސް ގާއިމް ކުރެވިފައެވެ. އަދި މީގެ އިތުރުން ރަސްމީ ފުޓުބޯޅަ ދަނޑު މަރާމާތު ކުރުމުގެ މަސައްކަތް މިދިޔަ މާރިޗު މަހު އެމް.އާރު.ޑީ.ސީއާއި ހާވަލުކޮށްފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.  "އައްޑޫ ސިޓީ ހުޅުދޫގައިވެސްވާނީ ފުޓްސަލް ދަނޑެއް ގާއިމް ކުރެވިފަ، އަދި އައްޑޫ ސިޓީ މީދޫގައި ފުޓްސަލް ދަނޑެއް ގާއިމް ކުރެވިފައިވާއިރު ފުޓުބޯޅަ ދަނޑުގެ އިތުރުކުރި ބައިގެ ވަށާފާރު ރޭނުމުގެ މަސައްކަތްވެސް އަޅުގަނޑުމެން ވާނީ ނިންމާފަ." މިނިސްޓަރ ވިދާޅުވިއެވެ.

          ދިވެހި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ ކުޅިވަރު މެނިފެސްޓޯގައިވާ ސްޕޯޓްސް އެރީނާ ގާއިމްކުރުމުގެ މަޝްރޫއުގެ ދަށުން އެހެން އަތޮޅުތަކެކޭވެސް އެއްފަދައިން އައްޑޫ ސިޓީގެ ރަށްރަށުގައި މި މަޝްރޫއުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރެވެމުން އަންނަކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިއަދު ސޮއި ކުރެވުނު ކޯޓްތަކަކީ މިނިސްޓްރީގެ ބަޖެޓުން 1.5 މިލިޔަނަށްވުރެ ގިނަ ދިވެހި ރުފިޔާ ޚަރަދުކޮށްގެން ގާއިމްކުރެވޭ ކޯޓްތަކެއްކަންވެސް މިނިސްޓަރ ވިދާޅުވެފައިވެއެވެ.

         މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވީ އައްޑޫ ސިޓީގެ ބައެއް ކައުންސިލްތަކުން ޒުވާނުންނަށްޓަކައި ޢިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ ހަދިޔާ ކުރައްވާ މިފަދަ ވަސީލަތްތަކަށް ގާއިމް ކުރުމުގެ މަސައްކަތްތަކަށް ހުރަސް އަޅާކަމީ އެކަމަނާ ނުހަނު ހިތާމަ ކުރައްވާ ކަމެއްކަމުގައެވެ. އަދި މިފަދަ ގޮންޖެހުންތަކާއިއެކީގަވެސް އައްޑޫ ސިޓީގައި މިނިސްޓްރީއިން ސްޕޯޓްސް އެރީނާ މަޝްރޫއުގެ މަސައްކަތްތައް ކުރިޔަށް ގެންދިއުމާއި އަދި ހިންގި އެކި ޕްރޮޖެކްޓްތަކަށް މިހާތަނަށް  65 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރެވިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

          މި އެއްބަސްވުމުގެ ދަށުން އައްޑޫ ސިޓީ ހިތަދޫ، ހުޅުދޫ އަދި މީދޫގައި 11 ކުޅިވަރު ވަސީލަތެއް ގާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު، އައްޑޫ ސިޓީ ހިތަދޫގެ ކޯޓްތައް އެޅުމަށް ހާވަލުކުރެވިފައިވަނީ ވެލްމަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަދި އައްޑޫ ސިޓީ ހުޅުދޫ އާއި މީދޫ ކޯޓްތައް އެޅުމަށް ހަވާލުކުރެވިފައިވަނީ ނޫރައްދީން އިންވެސްޓްމެންޓް އާއިއެވެ. އަދި މި މަޝްރޫއުތައް ނިއްމުމަށް ދީފައިވާ މުއްދަތަކީ މިއަހަރުގެ ޑިސެމްބަރ މަހުގެ ނިޔަލެވެ. 


1 މަސް ކުރިން | Views: 356


ފޮޓޯތައް

ގުޅުންހުރި ޚަބަރު

ޓެގްތައް