މިނިސްޓަރ އިރުތިޝާމް އާދަމް ޔުނިކްސް ސްޕޯޓިންގެ މެމްބަރުންނާއި ބައްދަލުކުރެއްވުން

                  މިނިސްޓަރ އިރުތިޝާމް އާދަމް ޔުނިކްސް ސްޕޯޓިންގެ މެމްބަރުންނާއި ބައްދަލުކުރައްވައިފިއެވެ.

                  މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގައި ބޭއްވުނު މިބައްދަލުވުމުގައި ޔުނިކްސް ސްޕޯޓިންގެ 3 މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް އާއި ޔުނިކްސް ސްޕޯޓިން ގުޅިގެން ބޭއްވޭ "ހޮޓް އެއަރ ބެލޫން ފެސްޓިވަލް" އާއި ގުޅޭގޮތުން މިނިސްޓަރާއި މަޝްވަރާ ކުރެއްވިއެވެ. އަދި މިނިސްޓްރީގެ ފަރާތުން ލިބެމުންދާ ސަޕޯޓް ވަރަށް ރަނގަޅުކަމާށާއި އަދިވެސް އިތުރަށް އެއްބާރުލުން ބޭނުންވާކަމުގައި ޔުނިކްސް ސްޕޯޓްސްގެ ފަރާތުން މިނިސްޓަރ އިރުތިޝާމްއަށް ދެންނެވިއެވެ.

 

                 މިބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވީ ޔޫތު މިނިސްޓްރީ ޓީމްގެ ފަރާތުން އެއްބާރުލުން ލިބޭނެކަމަށެވެ. އަދި އެން.ސީ.އޭ ގެ ފަރާތުން މިހަރަކާތަށް ބޭންޑް އެއް ހަމަޖައްސަވައިދެއްވާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. މި އިވެންޓްގެ ކުޅިވަރުތައް އިރުތުކުރުމަށްޓަކައި ޔޫތް ސެންޓަރގެ ފަރާތުން ބައެއް ހަރަކާތްތައް ހިއްސާ ކޮށްލެވިދާނެކަމާއި އަދި މީގެ އިތުރުންވެސް އެޗް.ޕީ.އޭ އާއި ގުޅިގެން ހެލްތް އާއި ގުޅޭ ހަރަކާތްތައް ހިންގުންވެސް މުހިންމުކަމުގައި މިނިސްޓަރ ދެންނެވިއެވެ. "އެކްސްކްލޫޒިވް ސްޕޮންސަރ ހޯދުމުގެ ގޮތުން މިނިސްޓްރީގެ ފަރާތުން ސިޓީ ފޮނުވައިދޭނަން،" މިނިސްޓަރ ވިދާޅުވިއެވެ.

                 މި ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މިފެށޭ މެއި މަހުގެ 19 އަދި 20 ވަނަ ދުވަހުގައެވެ. ފެސްޓިވަލް ބާއްވަނީ ކުޅިވަރު އެކުވެނި ސަރަހައްދުގަ އެވެ. މި ފެސްޓިވަލް ކުރިއަށްދާއިރު އެސަރަހައްދުގައި ބައެއް އެހެން ސްޓޯލްތައް ވެސް ހުންނާނެ އެވެ. "މިއީ މާލޭގައި އެންމެ މީހުން ގިނަވާނެކަމަށް ލަފާކުރެވޭ ދުވަސްކޮޅު، ސަބަބަކީ ރޯދަ މަސް ކައިރިވުމާއި މަގުމަތީ ބާޒާރާއި ދިމާކޮށް  އަތޮޅުތަކުގެތެރެއިން މީހުން މާލެއަށް ޒިޔާރަތްކުރާނެތީ،" ޔުނިކްސް ސްޕޯޓިންގެ މެމްބަރު ވިދާޅުވިއެވެ.  

24 އެޕްރީލް 2017

 


1 ހަފްތާ ކުރިން | Views: 220


ފޮޓޯތައް

ގުޅުންހުރި ޚަބަރު

ޓެގްތައް