ސަރުކާރުގެ ސްޕޯޓްސް އެރީނާ މަޝްރޫޢުގެ ދަށުން 12 ރަށެއްގައި ގާއިމްކުރާ 15 ފުޓްސަލް ދަނޑެއްގެ އެއްބަސްވުމުގައި ސޮއިކޮށްފި

20 އޭޕްރިލް 2017 - 00:04

މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގައި އަންގާރަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ވާހަފުޅުކަދައްކަވަމުން މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް އިރުތިޝާމް އާދަމް ވިދާޅުވީ ސަރުކާރުގެ ސްޕޯޓްސް މެނިފެސްޓޯ ތަންފީޒް ކުރުމުގެގޮތުން ސްޕޯޓްސް އެރީނާގެ 80 އިންސައްތަ މަސައްކަތް ﷲގެ އިރާދަފުޅާއިއެކު މިއަހަރު ނިމިގެންދާނެކަމަށެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އިރުތިޝާމް ވިދާޅުވިގޮތުގައި ރައީސުލް ޖުމްހޫރިއްޔާގެ ކުޅިވަރުގެ މެނިފެސްޓޯގައިވާ ސްޕޯޓްސް އެރީނާ ގާއިމްކުރުމުގެ މަޝްރޫއުގެ ދަށުން ދިވެހި ސަރުކާރުން މިހާތަނަށްވަނީ މުޅި ރާއްޖޭގައި 50 އަށްވުރެ ގިނަ ފުޓްސަލް ދަނޑު އަޅާ ނިންމާފައެވެ. އަދި މިހާރުވެސް 90 އަށްވުރެން ގިނަ ފުޓްސަލް ދަނޑުތައް އެޅުމުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިޔަށްދާކަމަށް މިނިސްޓަރ
ފާހަނގަކުރެއްވިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެވުނު ކޮންޓްރެކްޓަރސް ތަކާއި ރަށްތަކާއި އަދި އެވޯޑްކޮށްފައިވާ ދަނޑުތަކަކީ، ހުޅުމާލެ 4 ފުޓްސަލް ދަނޑު – ޕެއިންޓް މާސްޓަރސް ޕްރައިވެޓް ލިމިޓެޑް، ވިލިމާލެ ފުޓްސަލް ދަނޑު – އާނިފާ ޕްރައިވެޓް ލިމިޓެޑް، ކ. މާފުށި، ކ. ހުރާ، ކ. ދިއްފުށި، އއ. ތޮއްޑޫ ފުޓްސަލް ދަނޑު – ނަކް ޕްރައިވެޓް ލިމިޓެޑް އަދި ހއ. ތަކަންދޫ، ހދ. ނޮޅިވަރަންފަރު، ހދ. ކުމުންދޫ، ހދ. ނޭކުރަންދޫ، ހދ. ނެއްލައިދޫ، ހދ. ހަނިމާދޫ ފުޓްސަލް ދަނޑު – ޑީ އިންވެސްޓްމެންޓް އެވެ.

މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގައި ބޭއްވުނު މިރަސްމިއްޔާތަށް ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެމްބަރުން ކަމުގައިވާ ވިލިމާލެ ދާއިރާ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކް، ކެލާ ދާއިރާ މެމްބަރު ޢަލީ އާރިފް، ބާރަށު ދާއިރާ މެމްބަރު އިބްރާހިމް ޝުޖާއު، ހަނިމާދޫ ދާއިރާ މެމްބަރު ޙުސެއިން ޝަހުދީ އަދި ކ. ގުރައިދޫ ދާއިރާ މެމްބަރު އިބްރާހިމް ރިޒާ އާއި ރަށްރަށުގެ ކައުންސިލް މެމްބަރުން ވަނީ ވަޑައިގަންނަވާ ޢިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަށް ވަރަށް ޚާއްސަ ޝުކުރެއް ދަންނަވާފައެވެ. އަދި ޒުވާނުންނަށްޓަކައި މިނިސްޓަރ އިރުތިޝާމް އާދަމް އާއި މިނިސްޓްރީގެ އެންމެހާ މުވައްޒަފުން ކުރައްވާ ބުރަ މަސައްކަތްތައް ފާހަނގަ ކުރައްވައި ވަރަށް އިޚްލާސްތެރި ޝުކުރެއް ދެންނެވިއެވެ