ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށާއި ޒުވާނުންނަށް އެކި ދާއިރާތަކުން ތަމްރީން ޕްރޮގުރާމުތައް ހިންގުމާއި ގުޅޭގޮތުން ފަލަސްތީނުގެ ޔޫތު މިނިސްޓަރ ޖެނެރަލް ޖިބްރީލް ރަޖޫބް އާއި މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް އިރުތިޝާމް އާދަމް މަޝްވަރާ ކުރައްވައިފި.

27 މާރިޗު 2017 - 00:03

މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގައި ހޯމަ ދުވަހު ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް އިރުތިޝާމް އާދަމް ވިދާޅުވީ ފަލަސްތީނަކީ އަރަބި އަދި އިސްލާމީ ގައުމުތަކުގެ ތެރެއިން ރާއްޖެއާއި އަބަދުވެސް އެންމެގާތް އެއް ގައުމުކަމަށާއި ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމުގައި ޒުވާނުންގެ ދައުރު އިތުރުކުރުމަށް މަސައްކަތް ކުރައްވާނޭކަމަށެވެ.

މިބައްދަލުވުމުގައި ޒުވާޏުންނަށް ހާއްސަކޮށް ދެގައުމުގެ ދެމެދުގައި އެކްސްޗޭންޖް ޕްރޮގްރާމްތައް ބޭއްވުމާއި ގުޅޭގޮތުންވެސް މަޝްވަރާ ކުރެވުނެވެ. އެގޮތުން ތަފާތު ކުޅިވަރުތަކާއި އެގްރިކަލްޗާ އަދި ސައިންސާއި ޓެކްނޮލޮޖީގެ ރޮނގުތަކުން ޒުވާނުންނަށް ފުރުސަތުތައް ދިނުމާއި ގުޅޭގޮތުންވެސް މިބައްދަލުވުމުގައި މަޝްވަރާ ކުރެވުނެވެ.

މީގެ އިތުރުންވެސް އަރަބި ގައުމުތަކުގައި ދިވެހި ޒުވާނުންނަށް މަތީ ތައުލީމާއި ހަމަޔަށް ދިއުމަށް ތަފާތުއެކި ދާއިރާތަކުން ސްކޮލަޝިޕް ހޯދުމާއި ގުޅޭގޮތުންވެސް ވަނީ މަޝްވަރާ ކުރެވިފައެވެ. އަދި ހުޅުމާލޭގައި އެޅުމަށް ހަމަޖެހިފައިވާ އިންޓަރނޭޝަލް ފުޓުބޯޅަ ސްޓޭޑިއަމް އެޅުމުގައި ފަލަސްތީނުގެ ސަރުކާރުން އެހީތެރިކަން ފޯރުކޮށް ދެވިދާނެ ގޮތްތަކަކާއި މެދުވެސް މަޝްވަރާކުރެވުނެވެ.

މިބައްދަވުމުގައި ވާހަކަދައްކަވަމުން ފަލަސްތީނުގެ ޔޫތު މިނިސްޓަރ ޖެނެރަލް ޖިބްރީލް ވިދާޅުވީ ކުޅިވަރު ތަރައްގީ ކުރުމާއި ޒުވާނުން ބާރުވެރި ކުރުމަކީ ގައުމިއްޔަތާއި ކުޅިވަރުގެ ރޫހު އާލާވާކަމެއް ކަމުގައެވެ. އަދި ފަލަސްތީނަކީ އަބަދުވެސް ރާއްޖެއަށް ކުޅިވަރުގެ ދާއިރާއިންނާއި އެހެނިހެން ދާއިރާތަކުންވެސް އެހީތެރިވެދޭނޭ ގައުމެއް ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.

މިބައްދަލުމުގައި ރާއްޖޭގެ ގައުމީ ޓީމު ފަލަސްތީނާއިއެކު އެގައުމުގައި ކުޅޭމެޗުގައި ރާއްޖޭގެ ޓީމުގެ އެކޮމަޑޭޝަނާއި އެހެނިހެން ކަންކަން ހަމަޖެއްސުމާއި ގުޅޭގޮތުންވެސް ވަނީ މަޝްވަރާ ކުރެވިފައެވެ. އަދި މި ބައްދަލުވުމުގައި ފަލަސްތީނުގެ ޔޫތު މިނިސްޓަރ ވަނީ މިނިސްޓަރ އިރުތިޝާމް އާދަމް އަށް ފަލަސްތީނުގައި ނޮވެމްބަރ މަހުގައި އޮންނަ މެޗް ބަލައްވައި ލެއްވުމަށް ވަޑައިގެންނެވުމަށް ދައުވަތުވެސް އަރުވާފައެވެ.