ކުޅިވަރު ޤާނޫނުގެ ދަށުން "މުނިއުފާ" މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން ލިމިޓެޑާއި ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ

ކުޅިވަރު ޤާނޫނުގެ ދަށުން "މުނިއުފާ" މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން ލިމިޓެޑާއި  ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގައި އޮތް މިރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް އިރުތިޝާމް އާދަމްއެވެ.  ސްޕޯޓްސް ކޯޕަރޭޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިންގެ ޑިރެކްޓަރ  އަބްދުއް ރައްޒާގު އިބްރާހިމްއެވެ.  

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވީ ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ދިވެހި ކުޅިވަރު ކުރިއެރުވުމަށް ކުރައްވާ މަސައްކަތްތަކަކީ ރާއްޖޭގެ ތާރީޚުގައިވެސް މިހާތަނަށް އަދި ކުރެވިފައި ނުވާވަރުގެ ބޮޑެތި މަސައްކަތް ތަކެއްކަމަށެވެ.

އަދި މިއަދު މިވެވޭ އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ކުޅިވަރުގެ ދާއިރާއަށް އިތުރުކުރިއެރުންތަކެއް ލިބިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ވަކިން ޚާއްސަކޮށް މިއެއްބަސްވުމުގެ ދަށުން ސްޕޯޓްސް ކޯޕަރޭޝަންގައި ރަޖިސްޓްރީކޮށްގެން ހިންގާ ކުޅިވަރު އެސޯސިއޭޝަންތަކަށް ވިޔަފާރި އުސޫލުން މަންފާލިބޭނެ ގޮތްތަކައް ތަނަވަސްކޮށް އެފުރުސަތު ލިބިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެެވެ. މި އެއްބަސްވުމުގެ ދަށުން ކުޅިވަރުގެ ދާއިރާއިން ކުރިޔަށްދާން ބޭނުންވާ ޒުވާނުންނަށް އެފުރުސަތު ފަހިކޮށް ކުލަބު ޖަމްޢިއްޔާތަކަށްވެސް އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ފުރުސަތު ފަހިވެގެންދާނޭކަމަށްވެސް މިނިސްޓަރ އިރުތިޝާމް ވިދާޅުވިއެެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސްޕޯޓްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަބްދުއް ރައްޒާގު އިބްރާހިމް ވިދާޅުވީ މިއަދަކީ ރާއްޖޭގެ ކުޅިވަރުގެ ދާއިރާއަށް އުފާވެރިކަމާ ހިތްހަމަޖެހުން ގެނެސްދެއްވުމަށްޓަކައި ރާއްޖޭގެ އިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ ކުރައްވަމުންގެންދަވާ މަސައްކަތްޕުޅަށް އިތުރު އުފާވެރިކަން ގެނެސްދިން ދުވަހެއްކަމަށެވެ. އަދި ރާއްޖޭގެ ޒުވާނުންނަށް ކުޅިވަރު ކުޅުމުގައި ދެމެހެއްޓެނެވި ގޮތެއްގައި ކަންކަން ކުރިޔަށް ގެންދިއުމަށް ކޯޕަރޭޝަން ތެރެއިން ވެދެވެން އޮތް އެހީތެރިކަމެއް ފޯރުކޮށްދެއްވާނެކަމުގެ ޔަގީންކަންވެސް ރައްޒާގު ދެއްވިއެވެ.

 

9 މާރިޗު 2017

1 މަސް ކުރިން | Views: 451


ފޮޓޯތައް

ގުޅުންހުރި ޚަބަރު

ޓެގްތައް