ޗައިނާ އާއި ރާއްޖޭގެ ގުޅުމަށް 45 އަހަރު ފުރުން ފާހަގަ ކުރަނީ

08 ފެބްރުއަރީ 2017 - 00:02

ދިވެހިރާއްޖެއާއި ޗައިނާއާއި ދެމެދުގެ އޮންނަ ޑިޕްލޮމެޓިކް ރިލޭޝަން އަށް 45 އަހަރު ފުރުމުގެ މުނާސަބަތާއި ގުޅިގެން އެކަން ފާހަގަ ކުރުމުގެ ގޮތުން ޗައިނާގެ 26 މީހުން ހިމެނޭ އޮކެސްޓްރާ ޓީމަކުން ރާއްޖޭގައި ޝޯވ އެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ޔޫތް މިނިސްޓަރ އިރްތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.

މި މަހުގެހަތްވަނަ ދުވަހުން ފެށިގެން ނުވަ ވަނަ ދުވަހުގެ ނިޔަލަށް އޮލިމްޕަސްގައި ބާއްވާ ޝޯވ އާއި ބެހޭގޮތުން މައުލޫމާތު ދިނުމަށް ނޫސްވެރިންނަށް ބޭއްވި ބައްދަލު ވުމުގައި ވާހަކަ ދައްކަވަމުން ޔޫތް މިނިސްޓަރ ވިދާޅުވީ، ޗައިނާގެ 26 މީހުން ހިމެނޭ ސިންފަނި އޮކެސްޓްރާ އަކީ ޗައިނާގެ ސަރުކާރައި ޗައިނާ އިން ރާއްޖެއަށް ކަނޑައަޅާފައިވާ އެމްބެސްޑަރ ގުޅިގެން ނޭޝަނަލް ސެންޓަރ ފޯ އާރޓްސް (އެންސީއޭ) ގެ ދަށުން ކުރިއަށްދާ ޕްރޮގްރާމެއް ކަމަށެވެ.

" މިފަދަ ޕްރޮގްރާމްތަކަކީ ދިވެހިރާއްޖޭގެ ރައްޔިތުންނަށްވެސް އަދި ހާއްސަގޮތެއްގައި ފަންނާނުންނަށް ވަރަށް މުހިންމު އަދި ދޭދޭ ގައުމުތަކުގެ ރައްޔިތުންގެ ގުޅުމަށް ހާއްސަ ގޮތެއްގައި "ޕީޕަލް ޓު ޕީޕަލް ކޮންޓެކްޓް" އަށް މުހިންމު ޕްރޮގްރާމްތަކެއް" މިނިސްޓަރ ވިދާޅުވިއެވެ.